ޚަބަރު

ހައުސިން ބޭންކެއް އުފައްދައި، ލުއި ލޯނު ދޫކުރާނަން: ރައީސް

ގޯތި ހެދުމަށްޓަކައި ކުރިއަށްއޮތް ދައުރުގައި ހައުސިން ބޭންކެއް އުފައްދަވައި، ދިގު މުއްދަތުން ދައްކާގޮތަށް ލުއި ލޯނު ދޫކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ވައުދުވެވަޑައިގެންފިއެވެ.

ބޯހިޔާވަހިކަމަށް ލޯނު ދޫކުރުމަށް ހާއްސަ ބޭންކެއް ގާއިމުކުރުމަކީ ކުރިއަށްއޮތް ދައުރަށް އިއުލާންކުރި ރައީސްގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެކެވެ. އެ ބޭންކުން ދިރިއުޅުމުގެ ބޭނުމަށް ފުރަތަމަ ފަހަރަށް ބޯހިޔާވަހިކަމެއް ހޯދުމަށް ނެގޭ ލޯނުގެ އިންޓަރެސްޓް ހަ ޕަސެންޓަށްވުރެ ގިނަ ނުވާނެހެން، 10 ޕަސަންޓް އިކުއިޓީގައި ފޯރުކޮށްދިނުމަށް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

އެމްޑީޕީން ރޭ ބޭއްވި ގަލޮޅު ކަންމަތީގައި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމެއް ހޯދުމުގެ ދައްޗަކީ މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅޭ ރަށްރަށުގެ މީހުންނަށް ވެސް ދިމާވެފައިވާ ދައްޗެއް ކަމަށާއި އެކަމަށް ވެސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

"ކުރިއަށްއޮތް ދައުރުގައި ގޯތިތައް ހެދުމަށްޓަކައި ހައުސިން ބޭންކެއް އުފައްދައި، ލުއި ލޯނު ދިގު މުއްދަތުން ދައްކާގޮތަށް އަޅުގަނޑުމެން ކަނޑައަޅާނަން. މީގެ އިތުރުން މާލޭގައި ދިރިއުޅޭ ބޭފުޅުންނަށް ކުރިމަތިވެފައި ހުރި ދަތިތަކެއް އެބަހުރި މާލޭގެ ރައްޔިތުން ފިޔަވައި، މާލޭގައި ދިރިއުޅޭ އެތައް މީހުންނެއް އެބައުޅޭ. 20 އަހަރު، 30 އަހަރު، 35 އަހަރު، އަޅުގަނޑުވެސް މިހާރު މާލޭގައި އުޅޭތާ 50 އަހަރާ ގާތްވަނީ. މިކަހަލަވެސް އެތައް ބަޔަކު އެބަތިބި. މިގޮތަށް ތިބި މީހުންނަށް އެމީހުންގެ އަމިއްލަ ރަށުން ގޯތި ލިބުން މިހާރު ދަތި. އެއީ އެ ރަށެއްގައި ދިރިނޫޅޭތީ، ވަކި ވަރަކަށްވުރެ ދިގު މުއްދަތެއްގައި ދިރިނޫޅޭތީ ރަށަކުން ވެސް ނުލިބޭ، އަޅުގަނޑުމެންގެ ސިޔާސަތުތައް ހުރިގޮތުން މާލެއިން ލިބުމުގައި ވެސް ހުރަހެއް އެބަހުރި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާ ހައުސިން ސްކީމެއް ފައްޓަވައި، މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް އެ ސްކީމުގެ ތެރެއިން ފުލެޓާއި ގޯތި ދޫކޮށްދެއްވާނެ ކަމަށާއި އެކަމުގެ ސިޔާސަތުތައް މިދިޔަ ދެތިން ދުވަހުގެ ތެރޭގައި ކަނޑައަޅުއްވާފައިވާނެ ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި މާލެއަށް ހިޖުރަކޮށްގެން ތިބި މީހުންނަށް ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.