ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދަ ޑިމޮކްރެޓްސް އިން ނިންމާ ނިންމުމަކުން އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މެދު ދެކޭ ގޮތް ބަދަލުވާނީ ލޯތްބަކަށް ނުވަތަ ނަފުރަތަކަށް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ބޭއްވި ގަލޮޅު ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސް އާއި، ޖުމްހޫރީ ޕާޓީ އަދި އެހެނިހެން ކެންޑިޑޭޓުންނަށް ދިން ވޯޓުގެ ބޮޑު ޕަސަންޓެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަދަލުވަމުންދާ މަންޒަރު މިހާރު ފަންނަ ކަމަށެވެ.
"ﷲގެ އިރާދަފުޅާއެކީގައި އަޅުގަނޑުމެންނަށް އެ ރަށްރަށުގެ މެޖޯރިޓީ ލިބޭނެ. ރައީސް ނަޝީދަށް އަޅުގަނޑު ދަންނަވާލަން ބޭނުން އަޅުގަނޑަށް މިވީ ދުވަސްކޮޅުގެ ތެރޭގައި ފެނުނު މަންޒަރަކީ، މިއަދުވެސް ރަށްރަށަށް ދާއިރު އިވޭ އަޑަކީ އެމްޑީޕީގެ މެންބަރުންގެ ހިތުގައި ރައީސް ނަޝީދ ކަންތައް ކުރައްވާ ގޮތާ މެދު އޮތީ ހިތުގައި ހިތްހަމަނުޖެހުމެއް. އެކަމަކު ރައީސް ނަޝީދުގެ މި ނިންމެވުން އަޅުގަނޑު ގަބޫލުކުރަނީ ބަދަލުވެގެންދާނީ އެމްޑީޕީގެ މެންބަރުންގެ ހިތުގައި އުފެދޭ ލޯތްބަކަށް ނޫނީ ބޮޑު ނަފުރަތަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ ޑިމޮކްރެޓްސް އިން ވެސް އެމްޑީޕީން ކުރާ މަސައްކަތުގައި ބައިވެރިވެ، އިންތިހާބު ކާމިޔާބުކޮށްދިނުމަށް ފަސޭހަކޮށްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މަހުލޫފު ވަނީ ދެވަނަ ބުރުގައި ރައީސް ސޯލިހާ ދެކޮޅަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުުހައްމަދު މުއިއްޒަށް ވެސް ފާޑުވިދާޅުވެފައެވެ.
"އަޅުގަނޑަށް މިއަދު ފެނުނީ ޑރ. މުއިއްޒު ވިދާޅުވާތަން، އަޅުގަނޑަށް ވެރިކަން ލިބިއްޖެއްޔާ އެންމެ ފުރަތަމަ ކުރާނެ ކަމަކީ މާލެ ސަރަހައްދު ހިއްކާފައި ގޯތި ދިނުމޭ. މިނިސްޓަރުކަމުގައި ހަތް އަހަރު ވެއްޖެއޭ، ނުކުރެވުނު ކަމެއް ރައީސް އެ ކޮށްދެއްވީ. ހަގީގަތަށް ބުނާ ކަމަށްވާ ނަމަ، ދެންމެ ތިޔަ ވިދާޅުވި ވާހަކައާއި ތިޔަ ދެއްވި އުންމީދަށް ބަލައިފި ކަމުގައިވާ ނަމަ، އަޅުގަނޑުމެން ބޭނުންވަނީ މި ގައުމުގެ ރައީސަކަށް ނޫން ދުނިޔޭގެ ރައީސަކަށް ކުރިމަތިލައްވަން،" މިނިސްޓަރު ވިދާޅުވިއެވެ.
މަހުލޫފު އިތުރަށް ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ކުޅިވަރުން ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށާއި ހަމައެކަނި ކުޅިވަރުގެ ދާއިރާއަށް ބަލައިލި ކަމުގައިވިޔަސް، ރައީސަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށެވެ.