އޭއެފްސީ ކަޕް

ބަޝުންދަރަ ބަލިކޮށް، މާޒިޔާއިން ފެށުން ރަނގަޅުކޮށްފި

އޭއެފްސީ ކަޕްގައި ބަންގުލަދޭޝްގެ ބަޝުންދަރާ ކިންގްސް ބަލިކޮށް، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު މެންދުރުފަހު 3:00 ގައި ފެށި އެ މެޗުން ބަޝުންދަރަގެ މައްޗަށް މާޒިޔާ އިން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މިއީ ރާއްޖޭގެ ކްލަބެއްގެ އަތުން ބަޝުންދަރަ ބަލިވި ފުރަތަމަ ފަހަރެވެ.

މިއަދުގެ މެޗުގެ ކުރީކޮޅުގައި ބަޝުންދަރަގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ބަޝުންދަރަ އިން ވަނީ އެޓޭކުގައި ވަރުގަދަ ކުޅުމެއް ދައްކައި، ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ވެސް ތަނަވަސްކޮށްފައެވެ. ނަމަވެސް ބަޝުންދަރަގެ ބްރެޒިލް ފޯވަޑް ޑޮރިއެލްޓަން ނަސިމެންޓޯ ފޮނުވާލި އެ ހަމަލާ، މާޒިޔާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މާޒިޔާ އިން ވަނީ މެޗުގެ 15 ވަނަ މިނެޓުގައި ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ދުރުން ފޮނުވާލި ހަމަލާއަކުން މާޒިޔާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ސާބިއާ ފޯވަޑް ވޮޖިސްލާފް ބަލަބަނޮވިޗެވެ. އޭނާ ފޮނުވާލި އެ ހަމަލާއަށް ބަޝުންދަރަގެ ކީޕަރު އަނީސުރް ރަހުމާން މަސައްކަތް ވެސް ކުރިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

ބަޝުންދަރަ އިން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކުރަމުންދަނިކޮށް، މެޗުގެ 67 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މާޒިޔާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ނަޒީމް (ޗޯޓު) އެވެ. ހިތްގައިމު ވޮލީއަކުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ބަޝުންދަރަ ގޯލުގެ ކަނަކަށެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ދެ ޓީމުން ވެސް ގޯލެއް ޖެހިއެވެ. އެގޮތުން މާޒިޔާގެ ތިންވަނަ ގޯލު އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކޮށްދިން އިރު، އޭގެ މިނެޓެއް ތެރޭ ބަޝުންދަރައަށް އެޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އިބްރާހީމެވެ.