ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް ވެސް 35 ޕަސެންޓް އެލަވެންސް ލިބޭނެ ގޮތް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވެންސް ނުލިބި ތިބި ހުރިހާ މުވައްޒަފުންނަށް 1 މެއި 2023 އިން ފެށިގެން އެ އެލަވަންސް ވަނީ ހަމަޖައްސައިފައެވެ. ނަމަވެސް އޭގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުން ހިމެނިފައިނުވާތީ ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް ވަނީ އުފެދިފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ވިދާޅުވީ، ކައުންސިލްތަކުގެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު އެ އެލަވެންސް ދޭން ރައީސް ނިންމެވީ އެ އެލަވެންސް ނުލިބުމަކީ ލާމަރުކަޒީ ގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެ މުވައްޒަފުން ކުރަމުންގެންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށްވެފައި، ކައުންސިލްތަކުގެ މުވައްޒަފުންނަށްވެސް އެ އެލަވެންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެ މަނިކުފާނަށް ގަބޫލުފުޅުކުރެއްވޭތީ ކަމަށެވެ.
އެގޮތުން ލޯކަލް ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށް 35 ޕަސެންޓް އެލަވެންސް ހަމަޖެއްސެވުމަށް ރައީސް ނިންމަވާފައިވަނީ އަންނަ މަހުން ފެށިގެން ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު