އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގާތް ގުޅުމެއް އެބައޮތް ކަމަށާއި އެމްޑީއޭގެ އަޒުމަށް ބަދަލެއް އައިސްފައިނުވާ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
ސޯސަން ޖަގަހައިގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ކެމްޕޭން ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައުރޫފް އެހެން ވިދާޅުވެފައި މިވަނީ، އެމްޑީއޭ އިން ޕީޕީއެމްއާއެކު ކޯލިޝަން ހެދުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވާހަކަތައް ދެކެވެމުންދަނިކޮށެވެ. އެމްޑީއޭއާއެކު މަޝްވަރާތައް ކުރާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ ލޮބުވެތި ރައީސް އަހުމަދު ސިޔާމް މުހައްމަދާއި ރައީސުލްޖުމްހޫރިއްޔާއާ ގާތް ގުޅުމެއް އެބައޮތް. އަޅުގަނޑުމެން ތިޔަ ހުރިހާ ބޭފުޅުންނަށް އިލްތިމާސްކުރަނީ، އަތޮޅުތެރޭގައި ތިއްބެވި ބޭފުޅުންނަށް ވެސް ކޯލިޝަން ރޫހުގައި ވަރުގަދައަށް ޖަގަހަތަކުގައި ޖައްސާށޭ. އަޅުގަނޑުމެންގެ އަޒުމަކަށް ބަދަލެއް ނާދޭ،" މިރޭގެ ބައްދަލުވުމުގައި މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ އެމްޑީޕީއަކީ މި ރާއްޖެއަށް ޑިމޮކްރަސީ ގެނެސްދިން ޕާޓީ ކަމަށާއި އެމްޑީޕީއަކީ އިންސާނީ ހައްގުތައް މި ރާއްޖޭގައި ކަށަވަރުކޮށްދިން ޕާޓީ ކަމަށެވެ. އަދި އެމްޑީޕީއަކީ އަމާންކަމާއި ސުލްހަވެރިކަމަށް ލޯބިކުރާ ޕާޓީކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އެމްޑީޕީއަކީ ކުރިއަށްއޮތް މުސްތަގުބަލުގައި ވެސް ދިވެހިރާއްޖެ އުފާވެރިކަންމަތީ ބާއްވާނެ ޕާޓީ. އެހެންވީމާ އަޅުގަނޑުމެން މިތިބީ ގަދަކޮށް، އިބްރާހިމް މުހައްމަދު ސޯލިހާ އެކީގައި، އެމްޑީޕީއާ އެކީގައި، ﷲ އިރާދަކުރެއްވިއްޔާ މި އިންތިހާބު ކާމިޔާބުކުރާނީ ދެވަނަ ބުރުގައި ބޮޑުތަނުން. އެމްޑީޕީގެ ގަދަ ފަހުލަވާނުން އަޅުގަނޑުމެންނާ އެކީ އެބަތިބި. އަޅުގަނޑު ގަބޫލުކުރާގޮތުގައި އެމްޑީޕީގެ ރޫހުގައި ނުކުމެއްޖެއްޔާ މި އިންތިހާބު ކާމިޔާބުކުރުމަކީ އެއްވެސް ދަތިކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
މައުރޫފް ވަނީ އެމްޑީޕީއާ ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސް އުފެއްދެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނާއެކު މަސައްކަތްކުރައްވާ މަޖިލިސް މެންބަރުންނަށް ވެސް ސަލާމަތްތެރި މަގަކަށް އޮތީ އެމްޑީޕީއާއެކު މަސައްކަތްކޮށްގެން ކަމަށް ވިދާޅުވެ، ކޯލިޝަނާ ގުޅުމަށް ދައުވަތު ދެއްވައިފައެވެ.