ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަަކަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަން ހޯއްދަވަން އެމަނިކުފާނާ މާފުށީގައި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"ދޮން މަނިކު ސްކައި ވިއު" ގައި ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ކޮންމެ ރިޔާސީ އިންތިހާބެއްގެ ފުރަތަމަ ބުރުގައި އެއްވެސް ސިޔާސީ ޕާޓީއަކަށް ފުރިހަމަ މެޖޯރިޓީ ނުލިބޭ ކަމަށާއި އެހެންވެ ދެން މަސައްކަތް ކުރަނީ ގާނޫނު އަސާސީ ނުދަންނަ ސިޔާސީ މުއާމަލާތަކަށް ކަމަށާއި ކޮންމެ ފަހަރަކު އިއްތިހާދެއް އުފައްދަން ސިޔާސީ ޕާޓީތަކަށް މަޖުބޫރުވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސްއަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ތިން ވަނަ ލިބުމާއެކު ދެވަނަ ބުރަށްދިޔަ ދެ ޕާޓީ ކަމަށްވާ ޕީޕީއެމާއި އެމްޑީޕީއާ އެކު ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެބޭފުޅުން ހުށަހެޅީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މިމަހުގެ 25 ގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. އެކަމަށް ޕީޕީއެމުން ދެކޮޅު ހެދުމުން، ދަ ޑިމޮކްރެޓްސްއިން ވަނީ އެޕާޓީއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ހުއްޓާލައިފައެވެ. ނަމަވެސް އެމްޑީޕީއާ އެކު އެ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށެވެ.

ނަޝީދު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ރައީސް ޔާމީނާވެސް މަޝްވަރާ ކުރައްވަން އެމަނިކުފާނު ގަސްދު ކުރައްވާ ކަމަށެވެ. އަދި މާދަމާ ރައީސް ޔާމީނާ ބައްދަލުވުމެއް ހަމަޖައްސައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި އަމީންއާއްމަށް ދަންނަވާފައިވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ނިޒާމަށް ބަދަލެއް ގެންނަ އިރުގައި ރައީސް ޔާމީނާ މިކަމުގައި މަޝްވަރާ ކުރުން ކޮންމެހެންވެސް ބޭނުންތެރި. އަޅުގަނޑު އަމީންއާއްމު އަރިހުގައި ދަންނަވާފައިވާނެ މާދަމާ އަޅުގަނޑު މާފުއްޓަށް ދިޔުމަށް. ރައީސް ޔާމީން އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި އެ ވޯޓު ނެގުމުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތަކާއި އަދި އަޅުގަނޑުމެންނަށް އެހީތެރިވެވެން އޮތް ނަމަ އެ ވާހަކަ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމަށް ޕީޕީއެމުން އެއްބަސްވާ ކަމަށާއި އެކަން ޑިމޮކްރެޓްސް ގާތުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އެޕާޓީން އެކަމުގެ އެއްބަސްވުމެއް ހެދުމަށް އިއުތިރާޒް ކުރާ ކަމަށާއި އެއްބަސްވުމެއްގައި އެކަން އޮންނަން ޖެހޭނެ ކަމަށް ހުރިހާ މެމްބަރުން ވެސް ބޭނުންވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ އެމްޑީޕީގެ ގާތުގައި ވެސް ތަކުރާރުކޮށް ބަރުލަމާނީ ނިޒާމަށް ބަދަލުވުމުގެ މަސައްކަތް ފަށަން އެދެވިއްޖެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ބުރު ކާމިޔާބު ނުކުރެއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ސޯލިހު މިވަގުތު އެބޭފުޅާއަށް ދެން މޮޅު ނުވެވޭނެ ކަން ގަބޫލު ކުރެއްވުން އެއީ ދިވެހި ރާއްޖެއަށް ވަރަށް ބޭނުންތެރި ކަމެއް. ރާއްޖެއަށް ވަރަށް މުހިންމު ކަމެއް. އެނގިވަޑައިގަންނަވާނެ އަނބުރަން ޖެހޭ ވޯޓުގެ އަދަދު ވަރަށް ގިނަ. ފަރަގު ވަރަށް ބޮޑު. އެހެންވީމަ އެއީ މުސްތަހިއްލު ކަމެއް. ނާދިރު ކަމަކަށްވުރެވެސް ބޮޑު،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް ޑިމޮކްރެޓުންނާ އެކު ބަރުލަމާނީ ނިޒާމަކަށް އެމްޑީޕީން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

ނަޝީދު ވިދާޅުވީ ފަސް އަހަރަކުން ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުން ބުނާ ބަސް ކޮންމެ ދުވަހަކު މަޖިލީހުގެ ތެރޭގައި ބުނެވެން ޖެހޭ ކަމަށެވެ. ނަމަވެސް އެމްޑީޕީން ގޮތެއް ނިންމަންދެން ޑިމޮކްރެޓްސްއަށް އަބަދަކު މަޑުކޮށްގެން ނުތިބެވޭނެ ކަމަށާއި އެމްޑީޕީއަށް ހުށަހަޅާފައިވާ ގޮތްތަކާ ބެހޭ ގޮތުން އެ ޕާޓީގެ ޖަވާބެއް ވީހާވެސް އަވަހަށް ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެގޮތަށް ވިދާޅުވި އުސޫލު އޮންނަ ގޮތުން ރައީސް ޔާމީނާ ބައްދަލުކުރެއްވޭނީ ލޯޔަރުންނާއި އާއިލީ ބޭފުޅުންނަށެވެ. އެހެން މީހުންނަށް ބައްދަލުކުރެވޭނީ ހާއްސަ އުސޫލުގެ ތެރެއިން ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދިނުމުންނެވެ.