މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލޯފަން މީހުންނަށް ހާއްސަ ޓެމްޕްލޭޓް ބޭނުންކޮށްގެން 45 މީހަކު ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން މިއަދު ބުނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނެވުނު އިސްލާހާ އެކު ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ވޯޓުލުމުގެ ފުރުސަތު ދެވުނު މިއީ ފުރަތަމަ އިންތިހާބު ކަމަށެވެ. އަދި ވޯޓުލުމަށް ބޭނުންކޮށްފައިވަނީ އެކަމަށް ހާއްސަ ޓެމްޕްލޭޓެއް ކަމަށާއި މިއީ ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޓެމްޕްލޭޓަކީ އެމްބޯސް ނުވަތަ ކަރުދާހުގައި އުފުލިފައި ހުންނަ ގޮތަށް ހުންނަ ކުދި ބޮޅުތަކެކެވެ. ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓް ނަންބަރުގެ އަދަދު މި ޓެމްޕްލޭޓުން ދެނެގަނެވޭނެއެވެ.
ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް އިންތިހާބުތަކުގައި ވޯޓުލުމަށް މަގުފަހިކުރުމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުން ފާސްކުރީ މިއަހަރުގެ ޖޫން 19 ވަނަ ދުވަހުގައެވެ. އަދި މިފަހަރުގެ އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު މީހެއްގެ އެހީތެރިކަމަކާ ނުލައި، އަމިއްލައަށް ވޯޓުލުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ވަނީ ލިބިގެން ގޮސްފައެވެ. މި އިސްލާހުގެ އެންމެ ބޮޑު ބޭނުމަކީ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމަކާއި ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ލޯފަން މީހުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ލީ ދުވަހު ވެސް، މިކަން ވަނީ ރާއްޖެއަށް ޒިޔާރަތްކުރެއްވި ބޭރުގެ މަންދޫބުންނާއި އޮބްޒާވަރުންވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން އާންމުންނާ އެއްވަރަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިފަހަރުގެ އިންތިހާބުގައި ބޮޑަށް އިސްކަމެއްދީފައިވާ ފަހަރެއް ކަމަށް އެބޭފުޅުން ފާހަގަކުރެއްވިއެވެ.
އީސީން ވަނީ ލޯފަން މީހުން އެންމެ ގިނަ ކަމަށް ފާހަގަކުރެވޭ އަތޮޅުތަކުގައި އެފަރާތްތައް އަހުލުވެރި ކުރުމަށް ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީންތައް ކުރިއަށް ގެންދިޔައީ އދ، ހދ، އަދި ގދ. އަތޮޅުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު