މިދިޔަ ހޯމަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ބޮޑު މެޖޯރިޓީއެއް ލިބިވަޑައިގެންނެވ އއ. ބޮޑުފުޅަދޫއަށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕޭނަށް ވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބުގައި ބޮޑުފުޅަދޫން ރައީސް ސޯލިހު ވަނީ 391 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒަށް ލިބިވަޑައިގެންނެވީ 70 ވޯޓެވެ. ރިޔާސީ އިންތިހާބުގައި މުއިއްޒަށް ލިބިވަޑައިގެންނެވީ ޖުމުލަ 101،494 ވޯޓެވެ. އެއީ އިންތިހާބުގެ 45.99 ޕަސަންޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،166 ވޯޓެވެ. އެއީ އިންތިހާބުގެ 39.04 ޕަސަންޓެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިމަހުގެ 30 ވަނަ ދުވަހު ބާއްވާއިރު މުއިއްޒު ވަނީ މިއަދު ކެމްޕޭނަށް އއ. ދަތުރުކުރައްވަން ފަށައިފައެވެ. އެ ދަތުރުގެ އެންމެ ފުރަތަމަ ރަށަކީ ބޮޑުފުޅަދޫ އެވެ.
ބޮޑުފުޅަދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑުފުޅަދޫއަށް ވަޑައިނުގެންނެވުނީ ވަގުތު ކުޑަތަންވެފައި ވުމުން ކަމަށެވެ. އެހެންވެ ދެވަނަ ބުރުގެ ކެމްޕޭން ފެށީ އެރަށުން ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމަށް އޭނާ އިންތިހާބުވެވަޑައިގެންފި ނަމަ، ބޮޑުފުޅަދޫގައި ކުރިއަށްދާ މަޝްރޫއުތައް އިތުރު ސަމާލުކަމެއް ދެއްވައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެ ކަމަށެވެ. ބޮޑުފުޅަދޫގެ ބިން އިތުރުވުމަކީ ރަށުގެ ރައްޔިތުންގެ އުއްމީދެއް ކަމަށާއި ރަށުގެ ޒުވާނުން ބޭނުންވާ ގޮތަށް އެތަނުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށާއި ރަށުގެ ސްކޫލަށް ބޭނުންވާ ކްލާސްރޫމް އިތުރުކޮށް ބަނދަރު ބޮޑުކޮށް، މަގުތައް ހައްދަވައިދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.
ބޮޑުފުޅަދޫއަކީ މިހާރު ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށަކަށްވުމުން އަލަށް އިތުރުކުރާ ބިމުގައި ޓޫރިޒަމަށް އިންވެސްޓު ކުރެވޭނެ ގޮތް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަމަޖައްސައިދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"މިކަންކަން ވާނީ ރައްޔިތުން އަޅުގަނޑުމެންނަށް އިތުބާރު ކުރެއްވީމާ، ފުރުސަތު ދެއްވީމާ" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއްވެސް ރަށެއް ތަފާތުނުކޮށް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. އަދި އެންމެ ބޮޑު އަމާޒަކަށް ވާނީ އިގްތިސޯދީ ގޮތުންނާއި އުމްރާނީ ގޮތުން ރަށްތަކަށް ކުރިއެރުން ހޯއްދަވައިއި ދެއްވުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު