ޚަބަރު

ޑިމޮކްރެޓިކްގެ މެންބަރުން އެހާ ފަސޭހައިން އެމްޑީޕީއަށް ނުދާނެކަން ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާނެ: ހަސަން

މުހައްމަދު އިޝާން

ދަ ޑިމޮކްރެޓިކްގެ މެންބަރުން އެހާ ފަސޭހައިން އެމްޑީޕީއަށް ނުދާނެކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންނަވާނެކަމަށް، ޑިމޮކްރެޓްސް ވަގުތީ ޗެއާޕާސަން، ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާއެއްގައި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވުމަށްފަހު އަލުން އެމްޑީޕީއަށް ގުޅިވަޑައިގެންނެވި ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވީ، ޑިމޮކްރެޓްސްގައި ތިއްބެވީ އެމްޑީޕީ މެންބަރުން ކަމަށާއި އެ މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ހަސަން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝިޔާން އެގޮތަށް ވާހަކަ ދައްކަވަނީ ރައީސް ސޯލިހު ކޮންމެވެސް އެއްޗެއް ދެއްވުމުގެ ސަބަބުން ކަމަށެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް އެނގިވަޑައިގަންނަވާނެ ގިޓާމެން ކަހަލަ ބޭފުޅުން ކޮޅަކަށް އެ ދެއްވި އެއްޗެއް ދެއްވައިގެން އެ ކުދިން ލައްވައި ތިޔަ ކަހަލަ ވާހަކަ ދެއްކުވިޔަސް ދަ ޑިމޮކްރެޓްސްގެ މެންބަރުންނާ ސަޕޯޓަރުން އެމްޑީޕީއަކަށް އަދި އެހާ ފަސޭހައިން ނުލެންބުވޭނެކަން" ހަސަން ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް އިން އެންމެ ފަހުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ލީޑާޝިޕުގެ ގިނަ ބޭފުޅުންނާއި އާންމު މެންބަރުން ވަނީ ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމާ ދެކޮޅަށް ވާހަކަ ދައްކައިފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ލިބިވަޑައިގެންނެވީ 101،494 ވޯޓެވެ. އެއީ އިންތިހާބުގެ 45.99 ޕަސަންޓެވެ.ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،166 ވޯޓެވެ. އެއީ އިންތިހާބުގެ 39.04 ޕަސަންޓެވެ. ދަ ޑިމޮކްރެޓިކް ކެންޑިޑޭޓް، މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވީ 15،780 ވޯޓެވެ. އެއީ އިންތިހާބުގެ 7.15 ޕަސަންޓެވެ. އިލްޔާސް އަށް ލިބިވަޑައިގެންނެވީ އިންތިހާބުގެ ތިންވަނައެވެ.

ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 51 ޕަސަންޓު ހޯދިފައިނުވާތީ އިންތިހާބުގެ ދެވަނަ ބުރެއް މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ ބުރަށް ކޯލިޝަން ހަދައިގެން ވާދަކުރެއްވުމަށް ރައީސް ސޯލިހު އަދި ޑރ. މުއިއްޒު ވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މުއިއްޒުގެ ފަރާތުން ޖުމްހޫރީ ޕާޓީ، އެމްއާރްއެމް އަދި ދަ ޑިމޮކްރެޓްސްއާއެކު ވެސް އަންނަނީ މަޝްވަރާތައް ކުރަމުންނެވެ. މީގެ އިތުރުން ރައީސް ސޯލިހާއެކު ކޯލިޝަން ހަދައިފައިވާ އެމްޑީއޭއާއެކު ވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ. ރައީސް ސޯލިހުގެ ފަރާތުން ވެސް ވަނީ ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމްއާކު ކޯލިޝަން ހެދުމުގެ މަޝްވަރާކޮށްފައެވެ.