ރާއްޖޭގައި އިންޑިއާ ސިފައިންނެއް ނެތް ކަމަށާއި ވޯޓު ހޯދަން ދައްކާނެ އެއަށްވުރެ ތާހިރު ވާހަކަ ހުންނާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ރައްދު ދެއްވައިފިއެވެ.
ސޯސަން ޖަގަހަ ކުރިމަތީގައި ރޭ ބޭއްވި އެމްޑީޕީގެ ކަންމަތީ ޖަލްސާގައި ވާހަަކަދައްކަވަމުން ރީކޯ ވިދާޅުވީ ރާއްޖޭގެ ޖެނެރަލުންނަށް މިއަދު ތިއްބެވި ހުރިހާ ބޭފުޅުން އަރައި އެ ދައްކަވަނީ މި ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމުގެ ވާހަކަ ކަމަށާއި ދިވެހި ސިފައިންނަށް އިތުބާރުކުރަން ޖެހޭ ކަމަށެވެ.
"ދެން ކޮން ތަނެއްގައިތޯ އިންޑިއާ ސިފައިން ފޮރުވިފައި އޮތީ. އަޅުގަނޑުމެން ބަލައިލަން ބޭނުންވަނީ، އެއީ ކާކު ދައްކައިގެން އުޅޭ ވާހަކައެއްތޯ. މި ގައުމުގެ މިނިވަންކަމުގެ ވާހަކަ ނުދެއްކިޔަސް، ތިބޭފުޅުންނަށް އަމިއްލައަށް ވޯޓު ހޯދަންޏާ ދެއްކޭނެ ވާހަކަ. ބިރުވެރިކަމާއި ނާމާންކަން މި އުފައްދަނީ. އަޅުގަނޑު މިއަދު ދަންނަވަން ބޭނުންވަނީ ވޯޓު ހޯދަން ދައްކަން ހުންނާނެ އެއަށްވުރެ ތާހިރު ވާހަކަ. މީހުންގެ ބުއްދި ފަސްވާ ވާހަކަ މިގޮތަށް ދެއްކީމަ ބައެއް މީހުންނަށް އެބަ އޮޅުން ވެސް އަރާ،" އޭނާ ވިދާޅުވިއެވެ.
ރީކޯ ވިދާޅުވީ ނޮވެމްބަރު ތިނެއްގައި ތަމަޅަ ޓައިގަރުން އަރައި، ބަޑި ޖެހިތަން ދެކުނިން ކަމަށާއި އެއީ ޓެރަރިސްޓުން އައީމަ ވާގޮތް ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު އިންޑިއާ ސިފައިން އައިސް، މި ރާއްޖޭގެ މަގުމަތީގައި އުޅެނިކޮށް ފެނުނު ކަމަށް ވިދާޅުވިއެވެ.
"މިވަރުގެ ދޮގު ހަދައިގެން މި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލެނީއޭ ކިޔައިގެން ދައްކާ ވާހަކައިގައި މާލޭގެ ރައްޔިތަކު ޖެހިދާނެތީ ވެސް އަޅުގަނޑު ވަރަށް ދެރަވޭ. މީހުން ދައްކާ ކަހަލަ ވާހަކައެއް ނޫން އެއީ. މި ރާއްޖެއަކު އިންޑިއާ ސިފައިންނެއް، ކީއްކުރަންތޯ އެއްވެސް ބަޔަކަށް ޖާގައެއް އަޅުގަނޑުމެންނެއް ނުދެން. އެހެންނަމަވެސް ދުނިޔޭގެ ގައުމުތަކާއެކު އޮންނަ ގުޅުމުގެ ސަބަބުން އަބަދުވެސް އަޅުގަނޑުމެންގެ ރާއްޖެ ބޭރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރާކަން އެއީ ހަގީގަތެއް،" އޭނާ ވިދާޅުވިއެވެ.
ރީކޯ އިތުރަށް ވިދާޅުވީ ތަނަކުން ފޮއްޓެއް ހިފައިގެން ސަފައިންގެ މީހަކު އަރާ ކޮންމެ ފަހަރަކު މި ގައުމުގެ އިސްތިގުލާލު ގެއްލިގެންނެއް ނުދާނެ ކަމަށާއި ރާއްޖެ ކިތަންމެ ކުޑަޔަސް، މި ގައުމު އޮތީ ހިމާޔަތުގެ ތެރޭގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު