ހިޔާ ފުލެޓެއްގެ ބެލްކަނިން ބޭރަށް ކުޑަކުއްޖަކު ނެރެ ތަޅުލާފައި ބެހެއްޓި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ވީޑިއޯއިން ފެންނަނީ އުމުރުން 6 ވަރަކަށް އަހަރަށްދާ ކުއްޖަކު ހުޅުމާލެ ހިޔާ ޓަވަރެއްގެ ބެލްކަނީ ދޮރުކަރީ ހުރެގެން ރޯތަނާއި އަދި ދޮރުގައި ބާރަށް ތަޅައި، ދޮރު ހުޅުވަން މަސައްކަތް ކުރާތަނާއި މަންމައަށް ގޮވައި ދޮރު ހުޅުވަން އެދި ރޯތަނެވެ.
އެފްބީގެ "މި މީހާ" ގެ އައިޑީގައި ދައުރު ވި މި ވިޑީއޯ މިހާތަނަށް ވަނީ ގިނަ ބަޔަކު ޝެއާ ކޮށްފައެވެ. އޭނާގެ މި ޕޯސްޓުގައި ބުނެފައިވަނީ، މިއީ ހިޔާ ފުލެޓްގައި ކުޑަކުއްޖަކު ބަރަހަނާ ހާލުގައި ބޭރަށްލުމަށްފަހު ތަޅުލައިގެން އަދަބުދޭ ވީޑިއޯއެއް ކަމަށާއި މިއީ ހިތާމަހުރި ކަމެއް ކަމަށެވެ.
މީގެ އިތުރުން "މި މީހާ" ބުނެފައިވަނީ އޭ ޕޯސްޓަކީ ސިޔާސީ ޕޯސްޓެއް ނޫން ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ ހިޔާ ފްލެޓް އެޕާޓްމަންޓެއްގެ ބެލްކަނީގައި ކުޑަކުއްޖަކު ރޯންހުރި ކަމުގެ މައުލޫމާތު ރޭގައި ލިބިފައިވާ ކަމަށާއި އަދި އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް (ސީ.އެފް.ޕީ.އެސް)ގެ މީޑިއާއިން "ވަން" އަށް ބުނީ ހިޔާ ފުލެޓެއްގެ ބެލްކަނިން ބޭރަށް ކުޑަކުއްޖަކު ނެރެ ތަޅުލައި އަދަބު ދިން ކަމަށް ބުނާ ވީޑިއޯއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު