ރިޔާސީ އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ ހަތް މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބުނެފިއެވެ.
އޭސީސީން މިއަދު ބުނީ ރިޔާސީ އިންތިހާބާ ގުޅިގެން އެ ކޮމިޝަނަށް ވަނީ 29 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
"މި މައްސަތަކުގެ ތެރެއިން ހަތް މައްސަލައެއް ތަހުގީގުކުރަންޖެހޭ ކަމަށް ފެންނާތީ އެ މައްސަލަތުގެ ތަހުގީގު މިހާރުވަނީ ފަށާފައި،" އޭސީސީން ބުންޏެވެ.
އެ މައްސަލަތުގެ ތެރޭގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި ރިޝްވަތާ ގުޅުންހުރި މައްސަލަ ހިމެނޭ ކަމަށް އޭސީސީން ބުންޏެވެ.
ރިޔާސީ އިންތިހާބަށް ކައިރިވެފައި ވަނިކޮށް ހުޅުމާލެއިން ގޯތި ދޫކުރި މައްސަލަ އާއި ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ކުރިއަށްގެންދިޔަ ގޮތާ ގުޅޭގޮތުން ހުށަހަޅައިފައިވާ މައްސަލައެއް އޭސީސީން އަންނަނީ ބަލަމުންނެވެ.
ބަލަމުންދާ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭސީސީން ބުންޏެވެ. ނަމަވެސް ބައެއް ފިޔަވަޅުތައް އެޅޭނީ ބައެއް ކަންކަން ދެނެގަނެ ކަށަވަރުކުރެވިގެން ކަމަށްވާތީ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭސީސީން ބުންޏެވެ.