ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ތާއީދުކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި، އެމްޑީޕީ އާއި ޕީޕީއެމްއާއެކު މަޝްވަރާކުރުމަށް ހަ މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ނިންމާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަަކައި މިއަދު ބޭއްވި، އެ ޕާޓީގެ ވަގުތީ ކައުންސިލް ބައްދަލުވުމުގައި އެކަމަށް ހަ މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލުމަށް ހުށަހެޅުއްވީ، އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

އެ ކޮމިޓީގައި ހިމެނުމަށް އަފީފު ހުށަހެޅުއްވި ބޭފުޅުންނަކީ، އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބާއި އޭނާގެ ރަނިންމޭޓް އަހުމަދު އަމްރާއި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އާއި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ އިތުރުން މުހައްމަދު ޝިފާޒެވެ.

އަފީފް ވިދާޅުވީ، އެ ކޮމިޓީގެ މަސައްކަތަކީ އެ ދެ ފަރާތާ ވާހަކަދެއްކުން ކަމަށެވެ. ނަމަވެސް އެ ޕާޓީން ގުޅޭނެ ފަރާތެއް ނިންމާނީ، ޕާޓީން ކުރި މަޝްވަރާތައް ޕާޓީ ކައުންސިލަށް ގެނަސް ކައުންސިލުގައި މަޝްވަރާ ކުރުމަށްފަހު، ކައުންސިލުން ކަމަށްވެސް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ކޮމިޓީ އެކުލަވާލުމަށް އަގުލަބިއްޔަތުން ފާސްކުރި އިރު، މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސެވެ.