ކުރިއަށް އޮތްތަނުގައި އެމްޑީޕީގެ އެތައް މަޖިލިސް މެންބަރުންނެއް ޕީޕީއެމަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި، މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ބޮންޑެ ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތައް ވީހާ އަވަހަކަށް އެކުލަވާލަން ޖެހޭ ކަމަށެވެ. ނަމަވެސް އޭނާ ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި އޮތް ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ ތިން މެންބަރުން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ކޮމިޓީތައް އެކުލަވާލުމާބެހޭގޮތުން މަޖިލިސް ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓަށް އަލުން ވާހަކަ ދައްކަންޖެހޭ ކަމަށްވާތީ އެކަމަށް އިތުރު ފުރުސަތެއް ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މިހާރު މިއޮތް ހާލަތުގައި ކޮމިޓީތައް އެކުލަވާލަން ގަސްތު ކުރައްވާ ކަމަށެވެ. ދެން އަންނަ ބަދަލެއް ގެންނަމުން ގެންދާނީ ކަމަށާއި ވަރަށް ގިނަ ބަދަލު ކުއްލި ކުއްލިއަށް ވަރަށް އަވަސް އަވަހަށް މެންބަރުންނަށް އަންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ދަ ޑިމޮކްރޭޓުން، އެބޭފުޅުންގެ ޕާލަމެންޓްރީ ގްރޫޕެއް އެކުލަވާލައި ޕީޖީ ލީޑަރެއް ކަނޑައަޅައި އެ މައުލޫމާތު މަޖިލީހަށް ލިބުމަށް ދުވަސްތަކެއް ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މިހާރު އެކަން ކުރެވެން އޮތް ގޮތަށް ކޮމިޓީތައް މިވަގުތަށް އެކުލަވާވާލުން ކަމަށްވެސް ވިދާޅުވިއެވެ.
"ކުރިއަށް އޮތްތަނުގައި އެމްޑީޕީގެ އެތައް މެންބަރުންނެއް ޕީޕީއެމަށް ބަދަލު ވުމަކީވެސް ވަރަށް އެކަށީގެންވާ ކަމެއްކަން އަޅުގަނޑަށްވެސް ފާހަގަވޭ، އެހެންނަމަވެސް ކޮމިޓީތައް ހިންގަމުން ގެންދިއުން އަޅުގަނޑަށް ފެންނަ ގޮތުގައި ވަރަށް ބޭނުންތެރި،" ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ 13 މެންބަރަކު އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސް އުފައްދާފައިވާ އިރު، މަޖިލީހުގައ އޮތް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ހިމަނާފައިވަނީ އެންމެ ތިން މެންބަރުންގެ ނަމެވެ. އެއީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި މަޑަވެލީ ދާއިރާގެ މެންބަރު ހުސެއިން ފިރުޝާނެވެ.
މަޖިލިސް ދަފްތަރުގައި މެންބަރުންގެ ނަން ހިމަނަނީ، އެޕާޓީއަކުން އެކަމަށް އެދި ކަމާބެހޭ ލިއުންތައް މަޖިލީހަށް ހުށަހެޅުމުންނެވެ.
އެމްޑީޕީގެ މެންބަރުންތަކެއް އިދިކޮޅު ޕީޕީއެމާ ގުޅިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، އެމްޑީޕީގެ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ ގިނަ ވޯޓު ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަތުމާ ގުޅިގެންނެވެ.
އިންތިހާބުގައި 101،635 ވޯޓު މުއިއްޒުއަށް ލިބިވަޑައިގެންނެވި އިރު، ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު