އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސް އުފައްދަވައިގެން އެމްޑީޕީ ރޫޅާލައްވާނެ ކަމަށް، އެ ޕާޓީ އުފެއްދެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިގޮތަށް، އެމްޑީޕީ ރޫޅާލެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ހަގީގަތަށް ދަންނަވަންޏާ މަނިކުފާނު މި ޕާޓީ އުފެއްދުމާ އެކު ވިދާޅުވި ރޫޅާލާނަމޭ، ރޫޅާލާނަމޭ، ސުވާލެއް ވެސް ނެތް ރުޅާލެވިއްޖެ،" ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވިއެވެ.

ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، ނަޝީދު ވިދާޅުވިގޮތަށް، ޑިމޮކްރެޓްސް އިން ނުކުމެ އެމްޑީޕީ ރޫޅާލުމުގެ މަސައްކަ ކުރީ ސަރުކާރުގެ އިތުރުން އެމްޑީޕީގެ ތެރެއިން ހުށަހަޅަމުން ދިޔަ އިނާމުތަކާއި ކުރިމަތިކުރުވި މަލާމާތާއި ފުރައްސަރާއިގެ އިންޒާރުތަކުގެ ތެރެއިން ކަމަށެވެ. އީވާ ވަނީ އެމްޑީޕީ ތެރެއިންނާއި ސަރުކާރުން އެ ޕާޓީގެ މެންބަރުންނަށް ބޮޑެތި އަނިޔާތަކެއް ކުރިމަތި ކުރިކަމަށް ތުހުމަތު ކުރައްވައިފައެވެ.

ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބަށް ލިބިވަޑައިގެންނެވި 15،839 ވޯޓަކީ ލިބުނު ބޮޑު ކާމިޔާބެއްކަން ފާހަގަ ކުރައްވައި އީވާ ވިދާޅުވީ، ވަރަށް ފަހު ވަގުތު ރިޔާސީ ރޭހަށް ނުކުމެ ވަޑައިގެން ހޯއްދަވަން ބޭނުންވި ނަތީޖާ އާއި މަގުސަދު ހާސިލު ކުރައްވާފައިވާ ކަމަށެވެ. އެ ކަމަށްޓަކައި އިލިޔާސް ލަބީބަށް އީވާ މަރުހަބާ ވިދާޅުވިއެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން ނިންމާ ނިންމުމަކީ، ދެން ވެރިކަން ކުރާ ސަރުކާރެއް ކަނޑައަޅާނެ މުހިންމު ނިންމުމެއް ކަމަށް ސިފަ ކުރައްވައި އީވާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް އެ ޕާޓީ ދާނީ ކުރިއަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓަށް ތިންވަނަ ލިބިވަޑަިއގަތީ 15،839 ވޯޓާއެކުގައެވެ. އެންމެ ގިނަ ވޯޓު ހޯއްދެވި އިދިކޮޅު ކެނޑޭޓް، މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑއިގެންނެވީ، 101،635 ވޯޓެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.