ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށްދާ އިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނެވުމަށް، އެމަނިކުފާނާ ދެން މަޝްވަރާ ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ޖާބިރު ދެއްކެވި ވާހަކަތަކަށް ޖަވާބު ދެއްވަމުންނެވެ.
އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރއްިޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެވަނައަށް ވަޑައިގެންކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވީ، އެއީ އެމްޑީޕީ ދެބައި ވުމުގެ ނަތީޖާ ކަމަށާއި އެނޫން މައްސަލައެއް ދިމާ ނުވާ ކަމަށެވެ.
އެހެންކަމުން އަލުން ރަނގަޅުކޮށް ދެ ފަރާތް އެކުމައި މަސައްކަތް ކުރަންފަށާ ހިސާބުން ދާނީ ބާރަށް ކުރިއަށް ކަމަށްވެސް ވިދާޅުވިއެވެ.
އެކަމަށްޓަކައި، "އަވަސް ނެގޯޝީއޭޝަނެއް ހައްދަވައި ހުރިހާ ބޭފުޅުން ވަޑައިގެން އެއްބުރުން ރައީސް ސޯލިހު ހޮވާށޭ، ދެންވެސް ހޮވާނީ އެއްބުރުން،" ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
އެހިސާބުން ޖާބިރުގެ ވާހަކަ މެދުކަނޑުއްވައިލައްވައި، މަޖިލިސް ރައީސް ވިދާޅުވީ، "އަޅުގަނޑު ފާހަގަކޮށްދޭން ޖެހޭ، ދެނެއް އެކަން އެގޮތަށް ވާކަށް ނެތް،" ކަމަށެވެ.
އެކަމާ ގުޅިގެން ޖާބިރު ވިދާޅުވީ، އޭނާގެ ވާހަކައަށް މަޖިލިސް ރައީސް ތަދަހުލުވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. މަޖިލިސް ކުރިއަށް ގެންދަން ޖެހޭނީ ގަވާއިދާ އެއްގޮތަށް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
ނަމަވެސް އަނިޔާވެރިކަން ބޭނުންވާތީ އެކަމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް މަޖިލިސް ރައީސް އާއި ރައީސުލްޖުމްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެޅުއްވުމަށްވެސް ޖާބިރު އެދިވަޑައިގެންނެވިއެވެ. އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަ ފަޅައިގެންގޮސް އެބައި ވަރަށް ސާފުކޮށް އެނގެން އޮތީ، އެހެންކަމުން، ވަރަށް ވިސްނާފަ ކަތި ފިޔަވަޅެއްނާޅައި ރަނގަޅު ފިޔަވަޅެއް އެޅުމަށް ޑިމޮކްރެޓްސްގެ ފަރާތުން އެދެން،" ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު