ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިފަހަރު ކޯލިޝަން ހައްދަވާނީ ރަނގަޅަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،000 އެއްހާ ވޯޓުގެ ތަފާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.
އިންޑިއާގެ ސަފީރާ މިރޭ ބައްދަލުކުރެއްވުމަށް ފަހު ކާރުކޮޅަށް އަރައިވަޑައިގަތުމުގެ ކުރިން ރައީސް ސޯލިހާއެކު ކޯލިޝަން ހައްދަވައިފާނެތޯ މީޑިއާތަކުން ސުވާލުކުރުމުން ނަޝީދު ވިދާޅުވީ، އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ރަނގަޅު ގޮތެއްވާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީއާއެކު ކޯލިޝަން ނުހަދާނެ ކަމަށް ވިދާޅުވެފައެއް ނުވެއެވެ.
"އަޅުގަނޑުމެންގެ ފަރާތުން އިލްޔާސް އެބަ ވިދާޅުވޭ ދެއްތޯ ދެ ޕާޓީއާއެކުވެސް ވާހަަކަ ދައްކާ ކަމަށް. ރައީސް ސޯލިހާ މަޝްވަރާކުރުމުގެ ކަންކަންވެސް ކުރިއަށް އެބަދޭ، އިރާދަކުރެއްވިއްޔާ ރަނގަޅު ގޮތެއްވާނެ. ދެން ދެ ޕާޓީއާވެސް ވާހަކަ ދައްކަމުން އެ ދަނީ. އަޅުގަނޑަށް ހީވާ ގޮތުގައި ތި ބޭފުޅުންނަށް ހިތްހަމަޖެހޭ ގޮތަކަށް މިކަން ނިމޭނީ. މި ގަޑީގައި އެއް ގޮތަކަށްވެސް ކަންބޮޑުވެނުލައްވާ. ކަންބޮޑުވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ ގޯސްހެން ވާނީ. އަޅުގަނޑު ރަނގަޅަށް ހަދާނީ،" ނަޝީދު ވިދާޅުވިއެވެ.
ދެވަނަ ބުރެއްގައި އެމްޑީޕީއާއެކު ކޯލިޝަން ހަދައިފާނެކަމުގެ އިޝާރާތެއް ނަޝީދު ދެއްވި އިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިރޭ ވަނީ ނަޝީދާއެކު ކޯލިޝަންގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ކޯލިޝަން ހަދާނެކަމުގެ އުންމީދު ބޮޑު ކަމަށް ވިދާޅުވެފައެވެ.
ނަޝީދު ވަނީ ޕީޕީއެމާއެކު ކޯލިޝަން ހަދައިފާނެކަމުގެ އިޝާރާތެއްވެސް ދެއްވައިފައެވެ. އެގޮތުން ނަޝީދު ވަނީ، ރައީސް ސޯލިހާ ފޭވެ ޕީޕީއެމާއެކު އެއްބައިވަންތަ ސަރުކާރެއް އުފެއްދުމަށް އެމްޑީޕީ މެންބަރުން ވިސްނަން ޖެހޭ ކަމުގައި ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު