ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް، ދަ ޑިމޮކްރެޓްސް އުފެއްދެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާހަކަދައްކަވަމުން ގެންދަވާ ކަަމަށް، އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުން އަންދާޒާކުރި ވަރަށްވުރެ މަދުން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ލިބިވަޑައިގަތުމާ ގުޅިގެން، ދެވަަނަ ބުރުގެ ކެމްޕެއިން ރަނގަޅުކޮށް ފުރަތަމަ ބުރުން ލިބުނު ތަޖުރިބާގެ އަލީގައި ކެމްޕެއިންގެ ކަންތައް ކުރިއަށް ގެންދެވުމާ މެދު މަޝްވަރާކުރުމަށް މިއަދު ބޭއްވި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ފައްޔާޒް ވިދާޅުވީ، "ކެމްޕެއިން ޓީމުތައް އަލުން ރުކުރުވާލާއިރު ކުރީގެ އެކްސްޕީރިއަންސަށް ބަލައިފަ، ބަދަލުކޮށްލަން ޖެހޭ ކަންތައްތަކާއި، އަޅުގަނޑުމެންގެ މީހުންނަށް ވޯޓުލާން ނުނުކުމެވުމުގެ މައްސަލަތަކާއި އެޑްމިނިސްޓްރޭޓިވްކޮށް ހުރި މައްސަލަަތަކާއި، އެކަން ކަންތައްތަކާ މެދު މަޝްވަރާކޮށް ހައްލުތަކެއް ހޯދެވުނީ،" ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ދެވަނަ ބުރުގައި އެކީގައި މަސައްކަތް ކުރުމާ ބެހޭގޮތުން، ހުރިހާ ފަރާތްތަކާއެކު ވާހަކަދައްކަމުންދާ ކަމަށެވެ.

ޑިމޮކްރެޓްސްއިން އެމްޑީޕީގެ ފަހަތަށް އެރުމުގެ ޝަރުތެއްގެ ގޮތުން، ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވުމާއި، ރިޔާސީ އިންތިހާބު ކާމިޔާބުވިޔަސް ކެބިނެޓްގައި ފައްޔާޒް ނުހިމެނުމަށް ޑިމޮކްރެޓްސް އިން ހުށަހަޅާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ފައްޔާޒު ވިދާޅުވީ، އެފަދަ ވާހަކައެއް އަޑު އިވިފައިނުވާ ކަމަށެވެ. ނަމަވެސް އެ ޕާޓީއާ ވާހަކަދައްކަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެ ދެފަރާތުގެ މެދުގައި މިހާތަނަށް ކުރިއަށްދިޔަ ވާހަކަތަކަށް ބަލާ އިރު، އިންތިހާބުގެ ދެވެނަ ބުރުގައި ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެ ރައީސުން އެކުގައި ފެނިދާނެ ކަމަށެވެ. އެއީ ގައުމުގެ މުސްތަގުބަލަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދޭތެރޭގައި ޖެހިފައި އޮތް ޕާސަނަލް މައްސަލަަތަކާ ގުޅިގެން މުޅި ގައުމުގެ މުސްތަގުބަލް ނަގާލާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ، އުއްމީދު އެބައޮތް ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރެވޭނެކަމަށް، އުއްމީދުކުރަން ރައީސް ނަޝީދު، ރައީސް ސޯލިހުގެ ފަހަތަށް އަރައިފާނެކަމަށް،" ފައްޔާޒް ވިދާޅުވިއެވެ.