މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބަކީ އަމާން، މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ކަމަށް އިންތިހާބުގެ ކަންކަން އޮބްޒާވްކުރުމަށް ރާއްޖެ ވަޑައިގެންނެވި ބައިނަލްއަގުވާމީ އޮބްޒާވަރުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި، ފުރަތަމަ ބުރުގައި ވޯޓުލުމުގެ އިންތިޒާމުތަކާއި އިންތިހާބުގެ އެންމެހާ ކަންކަމާ ގުޅޮގޮތުން ބޭރުގެ އޮބްޒާވަރުންނަށް ފަހަގަވެފައި ހުރި ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލަމުން ވިދާޅުވީ، ކުރީ އަހަރުތަކާ ހިލާފަށް މިއީ ހަމަޖެހުމާއެކު ކުރިއަށްގެންދިޔަ އިންތިހާބެއް ކަމަށެވެ.
އެބޭފުޅުން ބޮޑަށް އަލި އަޅުވާލީ، އިލެކްޝަންސް ކޮމިޝަނުން ރޭވުންތެރިކަމާއި ވޯޓުލާ މަރުކަޒުތަކުގެ މާހައުލުތަކުގެ މައްޗަށެވެ. އަދި އެބޭފުޅުންނަށް ކޮންމެ ދިމާލަކުންވެސް ފެނިގެންދިޔައީ މިނިވަން، ހާސްކަމެއް ނެތް މާހައުލެއްގައި ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ތަން ކަމަށެވެ.
ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި މާބަނޑު މީހުންނަށާއި އަދި އިސްރަށްވެހިންނަށް އަހަންމިއްޔަތުކަން ދިނުމުގައި ދަތިކަމެއް ނެތި ވޯޓުލުމުގެ އިންތިޒާމު ހަޖަހެހިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ބޭރުގެ ހުރިހާ އޮބްޒާވަރުން ވެސް ފާހަގަކުރައްވާފައިވަނީ ވޯޓުލާ މަރުކަޒުތަކުގައި، ހަމަޖެހިލައިގެން ކެތްތެރިކަމާއެކު ކިއުގައި މަޑުކޮށްގެން ތިބިތަނާއި ވޯޓު ފޮށި ބަންދުވި ހިސާބުން ފެށިގެންވެސް ވޯޓު ގުނައި ނިމެންދެން ރާއްޖޭގެ އޮބްޒާވަރުންނާއެކު ބައެއް އާންމު ރައްޔިތުންވެސް މަރުކަޒުތަކުގަ އާއި މަރުކަޒުތަކުގެ ބޭރުގައި ކެތްތެރިކަން އިސްކޮށްގެން ތިބިތަން ކަމަށެވެ.
ޖަޕާނުގެ އޮބްޒާވަރު ވިދާޅުވީ، މިފަހަރުގެ އިންތިހާބަކީ ދެފުށް ފެންނަ ގޮތަށް ކުރިއަށްގެންދިޔަ އިންތިހާބެއް ކަމަށެވެ. އަދި ސެންޓްރަލް އިލެކްޝަން އޮފް ޖޯޖިޔާގެ އޮބްޒާވަރު ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން ފާހަގަކުރެވިފައި ނެތް ކަމަށާއި ކުރިން ރާއްޖޭގައި ކުރިއަށްގެންދާ ރިޔާސީ އިންތިހާބުތަކާ އެތައްގޮތަކުން ތަފާތު ކަމަށެވެ.
މިފަހަރުގެ ވޯޓު ކަރުދާހުގައި ހުރި ފަސޭހަތަކަށް އަލިއަޅުވާލަމުން ފިލިޕިންސްގެ އޮބްޒާވަރު ވިދާޅުވީ، "ވޯޓު ކަރުދާހުގައި ރިޔާސީ އިންތިހާބުގެ ކެނޑިޑޭޓުންގެ ފޮޓޯ ޖަހާފައި ހުރީމަ ލިޔަންކިޔަން ނެނގޭ މީހުންނަށްވެސް ފަސޭހަތަކެއް ވެގެންދިޔަ،" ކަމަށެވެ.
ރާއްޖެއާއި އެެހެނިހެން ގައުމުތަކުގައި ކުރިއަށްގެންދާ އިންތިހާބުތަކުގައި ހުރި ފަރަގުގެ ވާހަކަދައްކަވަމުން ރާއްޖެއިން ބޭރުގެ އޮބްޒާވަރުންގެ ވަފުދުގައި ހުންނެވި ހެޑް އޮފް ދަ މިޝަން، މަހިންދަ ދޭޝަޕްރިޔާ ވިދާޅުވީ "އީސީގެ ހަމައެކަނި މަަސައްކަތަކީ، ވޯޓު ކަރުދާސް ތައްޔާރުކުރުމާއި ވޯޓާސް ލިސްޓު ތައްޔާރުކުރުން އެކަންޏެއް ނޫން، އީސީން ކުރަން ޖެހޭ ކަމެއް އެއީ ވޯޓު ލާ ދުވަހު، ވޯޓުލާ މަރުކަޒު ތެރޭ، މީހުންގެ ތެރޭ ހަމަނުޖެހުން އުފެދޭ ކަންކަން ނައްތާލުން، މިފަހަރު އެކަން ރާއްޖޭގެ އީސީން ވަރަށް ފުރިހަމައަށް ދައްކުވައިދީފި،" ކަމަށެވެ.
މި ބައްދަލުވުމުގައި ފިލިޕިންސް އިލެކްޝަން ކޮމިޝަންގެ އޮބްޒާވަރާއި އިނގިރޭސިވިލާތުގެ އޮބްޒާވަރާއި ޖޯޖިއާ އިލެކްޝަން ކޮމިޝަންގެ އޮބްޒާވަރާއި ޖަޕާންގެ އޮބްޒާވަރު އަދި ދެކުނު އެފްރިކާގެ އޮބްޒާވަރެއް ބައިވެރިވެވަޑައިގެންނެވިއެވެ. ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ބޭރުގެ 165 އޮބްޒާވަރަކާއި މޮނީޓަރުން ހަރަކަތްތެރިވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު