ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ ރަޖިސްޓްރީ ކުރުމަށް ދޭނީ ދެ ދުވަސް ކަމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ބުނެފިއެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުން ރީ-ރަޖިސްޓްރީ ކުރުމަށް ދެ ދުވަސް ލިބޭނެ ކަމަށެވެ.
"މިވަގުތު ހަމަޖައްސާފައި އިނީ މިމަހުގެ 16 އިން 17، ނަމަވެސް ރަސްމީކޮށް ގެޒެޓްކުރާނަން،" ފުއާދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނު ބުނާގޮތުން، ރިޔާސީ އިންތިހާބުގައި ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެ ކަމަށް ބަލާނީ، އެ އިންތިހާބުގައި ވޯޓު ދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ 50 ޕަސެންޓަށްވުރެ ގިނަ ވޯޓު އެ ކެނޑިޭޓަކަށް ލިބިފައިވާނަމައެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ކުރެވޭނީ، ވޯޓުލާ މީހުންގެ 50 ޕަސެންޓަށްވުރެ ގިނަ ވޯޓު ލިބިގެންނެވެ. އެއްވެސް ކެނޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެގޮތުން މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ 15،696 ވޯޓުގެ ތަފާތުންނެވެ.
ދެން ތިއްބެވި ކެނޑިޑޭޓުންގެ ތެރެއިން ދަ ދިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގެންފައިވަނީ 6.93 ޕަސެންޓެވެ. އަމިއްލަ ކެނޑިޑޭޓް އުމަރު ނަސީރަށް ލިބިވަޑައިގެންފައިވަނީ 2.81 ޕަސެންޓް ވޯޓެވެ. ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހިމް އަށް ލިބިވަޑައިގެންފައިވަނީ، 2.49 ޕަސެންޓެވެ. ދެން ހިމެނެނީ އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ފާރިސް މައުމޫމާއި ހަސަން ޒަމީލެވެ.
ޚަބަރު
ޚަބަރު
ޚަބަރު