މިއަދު ބޭއްވި ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބުކުރަން ބޭނުންވާ އަދަދަށް އެއްވެސް ކެނޑިޑޭޓަކަށް ވޯޓު ނުލިބި، އިންތިހާބުގެ ދެވަނަ ބުރަކަށް ދާން ޖެހިއްޖެއެވެ.

ދިވެހި ތާރީހުގައިވެސް އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރި މި އިންތިހާބުގެ ނަތީޖާ މިހާތަނަށް ދައްކާގޮތުން، އެންމެ ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު މައި ކެނޑިޑޭޓް، ޕީއެންސީގެ ކެނޑިޑޭޓް، މާލޭ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

މިހާތަނަށް ގުނި ވޯޓުގެ ނަތީޖާ ދައްކާގޮތުން، އެ ދެބޭފުޅުން އުޅުއްވަނީ ވަރަށް ގާތްގާތުގައެވެ. ނަމަވެސް ކުރީގައި އުޅުއްވަނީ މުއިއްޒެވެ.

އިންތިހާބުގެ ކެމްޕެއިންގައި ކޮންމެ ކެނޑިޑޭޓަކުވެސް ވިދާޅުވީ، އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. ނަމަވެސް އެއްވެސް ކެނޑިޑޭޓަކަށް އެއްބުރުން އިންތިހާބު ކާމިޔާބު ނުވާނެކަން ވަނީ ޔަގީން ވެފައެވެ.

މި އިންތިހާބުގައި ވޯޓުލުމަށްޓަކައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ފޮށި މިފަހަރު ބެހެއްޓިއެވެ. އޭގެ ތެރެއިން 550 އަށްވުރެ ގިނަ ފޮށި ގުނައި ނިމިފައިވާ އިރު، މުއިއްޒު ވަނީ 46 ޕަސެންޓް ވޯޓު ހޯއްދަވައިފައެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 39 ޕަސެންޓް ވޯޓެވެ.

ދެން ތިއްބެވި ކެނޑިޑޭޓުންގެ ތެރެއިން ދަ ދިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގެންފައިވަނީ 7.05 ޕަސެންޓެވެ. އަމިއްލަ ކެނޑިޑޭޓް އުމަރު ނަސީރަށް ލިބިވަޑައިގެންފައިވަނީ 7.05 ޕަސެންޓް ވޯޓެވެ. ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހިމް އަށް ލިބިވަޑައިގެންފައިވަނީ، 2.90 ޕަސެންޓެވެ. ދެން ހިމެނެނީ އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ފާރިސް މައުމޫމާއި ހަސަން ޒަމީލެވެ.

ގާނޫނު ބުނާގޮތުން ރިޔާސީ އިންތިހާބު ކާމިޔާބު ވާނީ ވޯޓުލާ މީހުންގެ 50 ޕަސެންޓަށްވުރެ ގިނަ ވޯޓު ލިބިގެންނެވެ. އެ އަދަދަށް ވޯޓު ނުލިބިއްޖެ ނަމަ، ނަތީޖާ ނެރޭނީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވައިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ، މިމަހުގެ 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށެވެ.