ޚަބަރު

ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖާ ރޭޕްކުރި މުނިކާފަ ޖަލުގައި އޮއްވާ މަރުވެއްޖެ

މުހައްމަދު އިޝާން

ގއ. ކަނޑުހުޅޫދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރިކަން ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އެ ރަށު، އަންނާރުމާގޭ، ހަސަން މޫސާ ދީދީ (85އ.) މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، މުސްކުޅި ބަލީގެ ސަބަބުން އެއްގޮތަކަށް ވެސް ހިނގާ ބިނގާ ނޫޅެވޭ، އެނދުމަތިވެފައި އޮތް ހަސަން މޫސާ ދީދީ ހަރަކާތް ނުކުރާކަން ފާހަގަކުރެވިގެން، އެމެޖެންސީކޮށް ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިއުމުން، ޑޮކްޓަރު ބެއްލެވުމަށްފަހު 9:55 ހާއިރު އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ. އެކަން ހަސަން މޫސާ ދީދީގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ފުލުހުންގެ އިތުރުން އެޗްއާރުސީއެމް އަދި އެންއައިސީއަށް އަންގާފައިވާ ކަމަށްވެސް ބުންޏެވެ.

ދެ އަހަރުގެ ނުވާ ކުއްޖާ ރޭޕްކުރި މައްސަލާގައި ހަސަން މޫސާ ދީދީ ހައްޔަރުކުރީ 17 ޖެނުއަރީ 2020ގައެވެ. އޭރު އޭނާގެ އުމުރަކީ 82 އަހަރެވެ. އެ މައްސަލާގައި އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލާން ހުކުމްކުރީ 6 ޖުލައި 2022ގައެވެ.

އެ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، 25 ޑިސެމްބަރު 2022ގައި އޭނާގެ މައްޗަށް އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.

އެއީ ޑިސެމްބަރު 2019 ގައި ކުއްޖަކު، އެހެން ކުދިންތަކަކާއެކު މަގުމަތީގައި ކުޅެން ހުއްޓާ އެ ކުއްޖާއަށް ފައިސާ ދޭން މަސައްކަތްކޮށް، ހަސަން މޫސާ ދީދީގެ ކޮޓަރިއަށް ދިއުމަށާއި އަދި ޖިންސީ މުއާމަލާތެއް ހިންގަން އެދުނު މައްސަލައެއްގައި ދައުލަތުން އުފުލި އާންމު ތަނެއްގައި ހުރި މީހަކު, އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާ ސާބިތުވެގެން އިއްވި ހުކުމެކެވެ.

އެ ދައުވާއަށް ހަސަން މޫސާ ދީދީ އިންކާރުކުރި ނަމަވެސް, އެ ދައުވާ ސާބިތުވާ ކަމަށް ގާޒީ ނިންމެވީ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ލިޔެކިޔުންތަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.