އެއްވެސް މީހަކު ބާކީ ނުވެ މާދަން ރޭ، ރިޔާސީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ތައްޔާރުވާން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކ. ދިއްފުއްޓަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރިޔާސީ ކެމްޕޭނަށް ރާއްޖޭގެ އެންމެ އުތުރަށާއި ދެކުނަށް ކުރެއްވި ދަތުރުފުޅުގައި ކޮންމެ ރަށަކުންވެސް އިވުނީ އެއްބުރުން އެ މަނިކުފާނު މި އިންތިހާބު ކާމިޔާބުކުރައްވާނެކަމުގެ އަޑުތައް ކަމަށެވެ.

"އަޅުގަނޑު އެދެނީ މި ކާމިޔާބުގައި ތިޔަ ހުރިހާ ބޭފުޅުންވެސް ބައިވެރިވެވަޑައިގަތުން. އެއްވެސް ބޭފުޅަކު ބާކީވެވަޑައިގެންނުގެން އަޅުގަނޑު މެންނާއެކީ އިރާދަކުރެއްވިއްޔާ މާދަން ރޭ މި ސެލެބްރޭޓް ކުރަން ތައްޔާރުވެވަޑައިގަތުން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީން ރައްޔިތުންނާ ލިބިފައިވާ އެންމެ ބޮޑު ހައްގަކީ ވޯޓުލުން ކަމަށެވެ. އެ ހައްގުގެ ބޭނުން ކުރަންވާނީ ވަރަށް އަމާނާތްތެރިކަމާއެކު ކަމަށެވެ. އަދި ވޯޓުލާއިރު، ރަށާއި ރައްޔިތުންނަށް ލިބޭނެ ފައިދާއަށް ވިސްނަންވާނެ ކަމަށްްވެސް ވިދާޅުވިއެވ.ެ

ދިއްފުށި ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް މި ދައުރުގައި ނިމިގެންދާނެ ކަމަށާއި ދެވަނަ ދައުރަށް އިންތިހާބުވެއްޖެ ނަމަ އަލަށް ހިއްކާފައިވާ ސަރަހައްދަށް ބޭނުންވާ ފެނާއި ނަރުދަމާގެ އަދި ކަރަންޓުގެ ހިދުމަތް ދޭނެ ކަމަށެވެ.

އަދި ދިއްފުށީގެ މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ހަދައިދިނުމަށާއި ޕޮލިސް އިމާރާތް ހަދައިދިނުމަށާއި ރަށުގައި ވޭސްޓް މެނޭޖްމެންޓް ސިސްޓަމެއް ގާއިމުކޮށްދީ، ސިއްހީ މަރުކަޒުން އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ހަދައިދިނުމުގެ އިތުރުން ޒުވާނުންނަށް ބޭނުންވާ ވޮލީ ކޯޓު އަދި ޕިކްނިކް އައިލެންޑެއް ހަދައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ.