ތަޖުރިބާގެ އަލީގައި ޔަގީންކަމާއެކު، ގައުމު ހަމަމަގަށް އެޅުވުމަށް، މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި އޭނާއަށް ވޯޓު ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އާދޭހާއެކު އެދިވަޑައިގެންފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ރައްޔިތުންނަށް ގާސިމު ފޮނުއްވި ސިޓީގައި ވިދާޅުވީ، ރާއްޖެ މިއަދު މި އޮތީ ނުރައްކާ ފައްތަރެއްގައި ކަމަށާއި ގައުމަށް އެކިއެކި ސިޔާސީވެރީން ޖެއްސި މާލީ މުސީބާތްތަކުން ގައުމު ސަލާމަތް ކުރުމަށް ތަޖުރިބާ ހުރި ގައުމު ދެކެ ހަގީގީ ލޯބިވާ ވެރިޔަކު އިންތިހާބުކޮށް އަވަހަށް މަސައްކަތް ނުފަށައިފި ނަމަ މި ގައުމާއި ރައްޔިތުންގެ މިނިވަންކަމާއި ސަލާމަތް ނެތިދިއުމަކީ ގާތް ކަމެއް ކަމަށެވެ.
އެގޮތުން ޖެހިޖެހިގެން 10 އަހަރު ރާއްޖެއިން ސޮވަރިން ދަރަނި އިތުރުކޮށް، ދަރަނި ގާތްގަނޑަކަށް 120 ބިލިއަން ރުފިޔާ އަށްވުރެ މައްޗަށް އަރާފައިވާއިރު، ކުރިއަށް އޮތް ފަސް އަހަރު ނިމޭއިރު ދަރަނި 165 ބިލިއަން ރުފިޔާ ގާތްކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ހަމައެކަނި ރިޕޭމަންޓްތަކުގެ ގޮތުގައި އެކަނިވެސް 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު ވުރެ ބޮޑު އަދަދެއް ރާއްޖެއިން ދަރަނި ނަގާފައިވާ ގައުމުތަކަށް ދައްކަންޖެހޭ ކަމަށް ވިދާޅުވިއެވެ.
"މި ދަރަނިތައް އަނބުރާ ދެއްކޭނެ އަދި ރީސްޓަކްޗާ ކުރެވޭނެ ގޮތެއް ދަންނަ މީހަކަށް މެނުވީ މި ގައުމު މި ހާލަތުން ސަލާމަތް ނުކުރެވޭނެއެވެ. އަވައްޓެރި ސްރީ ލަންކާ ފަދައިން މި ރާއްޖެވެސް ޑިފޯލްޓް ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ހާލަތު މިހެން އޮތް އިރު، ވެރިކަމުގައި ތިބި ފަރާތްތަކުން ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފަށް މުޅި ދައުލަތުގެ ނިޒާމުތައް ފެއިލްކޮށް، ކަރަޕްޝަންގެ ތެރެއިން ވަކި ބަޔަކަށް މަގުފަހި ކޮށްދިނުން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ޒަރޫރީ އެންމެ ކުދި ބޭނުންތަކަށްވެސް ކޮރަޕްޝަން ބޭނުންކުރުން މިވަނީ މި ގައުމުގައި އާންމުވެފަ ނޫންތޯއެވެ؟ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ނިކަމެތި ރައްޔިތު މީހާއަށް، އާސަންދަ ހަމަޖެހެނީވެސް ކޮންމެވެސް ވެރިޔަކަށް ދަންނަވައިގެން ވެރިކަންކުރާ ޕާޓީ އަށް ސޮއިކުރުމުންނެވެ.،" ގާސިމުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ގާސިމު ވިދާޅުވީ، އޭނާއަށް ވޯޓު ދޭންޖެހެނީ ކޮރަޕްޝަނާއި ހިޔާނާތުން ދުރުވެ، ދަރަނީގެ ދަންތޫރައިން ރާއްޖެއާއި ރައްޔިތުން ސަލާމަތްކޮށް، ގާނޫނުއަސާސީއާއި ހިލާފަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ބޭރުކޮށް، ސަރުކާރުން ގަސްދުގައި ރާއްޖޭގެ ކަނޑުގެ އިގުތިސާދީ ސަރަހައްދުން މޮރިޝަސްއަށް ދޫކޮށްލި ބައި އަލުން ހޯދުމަށް މަސައްކަތްކުރުމަށާއި އަދުލުވެރިކަމާ އެކު އިންސާފު ގާއިމުކޮށް، ގައުމުގެ އިގުތިސާދު ހަމަމަގަށް އެޅުވުމަށެވެ.
އަދި ރައްޔިތުންނަށާއި ގައުމަށް ލިބޭ ތަނަވަސްކަން އިތުރުކޮށް، އިލްމީ އަދި ފަންނީ ގޮތުން ރާއްޖޭގެ ރައްޔިތުން ކުރިއަރުވައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ބޯހިޔާވަހިކަން ފޯރުކޮށްދީ، ބޭސްފަރުވާ އަދި ސިއްހީ ރޮނގުން މި ރާއްޖެ ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖެ ކުރިއެރުވުމަށްވެސް އޭނާއަށް ވޯޓު ދޭންޖެހޭ ކަމަށް ގާސިމު ވިދާޅުވި އެވެ.
"ތަޖުރިބާގެ އަލީގައި ޔަގީންކަމާއެކު، ގައުމު ހަމަމަގަށް އެޅުވުމަށް، އަޅުގަނޑު ގާސިމް އިބްރާހީމްއަށާއި އަޅުގަނޑުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމަށް (ކެންޑިޑޭޓް ނަންބަރު 5) ވޯޓުދެއްވުމަކީ އަޅުގަނޑުމެންގެ ނުހަނު އިހުލާސްތެރި އާދޭހެކެވެ،" ގާސިމު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު