Close
މުހައްމަދު ސަލާހު

ސައުދީ ޓްރާންސްފާ މާކެޓް ބަންދުވެއްޖެ، ސަލާހް ނުގެންދެވުނު!

ބޮޑެތި ޓްރާންސްފާތަކެއް ކުރަމުންދިޔަ ސައުދީ އަރަބިއާގެ ކްލަބުތަކަށް އިއްޔެ ޓްރާންސްފާ މާކެޓް ބަންދުވެއްޖެއެވެ.

ޔޫރަޕްގެ ޓްރާންސްފާ މާކެޓް މިދިޔަ މަހުގެ ނިޔަލަށް ބަންދުވެފައިވާ އިރު، ސައުދީ ޓްރާންސްފާ މާކެޓް އޭރު ބަންދު ނުވެ އޮތް އޮތުން އެއީ ނުރައްކަލެއްގެ ގޮތުގައި ޔޫރަޕްގެ ކްލަބުތަކުގެ ކޯޗުން ވަނީ ސިފަކޮށްފައެވެ. އެއީ ސައުދީން ބޮޑު އަގުގައި ކުޅުންތެރިން ގެންދަން މަސައްކަތް ކުރަމުން ދިޔުމާއެކު، އެ ކުޅުންތެރިން ސައުދީ ކްލަބަކަށް ގޮސްފިނަމަ، އިތުރު ކުޅުންތެރިޔަކު ހޯދަން ޔޫރަޕްގެ ކްލަބުތަކަށް ފުރުސަތު ނޯންނާނެތީއެވެ. މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ސައުދީ ކްލަބުތަކުން ވަނީ ބޮޑެތި ހަރަދުތަކެއް ކޮށް، މަގުބޫލު ނަންތަކެއް ގެންގޮސްފައެވެ.

އޭގެ ތެރޭގައި ރެއާލް މެޑްރިޑްގެ ކެޕްޓަނަކަށް ހުރި ކަރިމް ބެންޒެމާއާއި ބްރެޒިލްގެ ތަރި ނޭމާގެ އިތުރުން ސަޑިއޯ މާނޭ، އެންގޯލޯ ކާންޓޭ ފަދަ ކުޅުންތެރިންވެސް ހިމެނެއެވެ. އޭގެ އިތުރުންވެސް ޔޫރަޕްގެ ވަރުގަދަ ކްލަބުތަކަށް ކުޅެމުންދިޔަ ކުޅުންތެރިންތަކެއް ސައުދީ ލީގުން ގެންގޮސްފައިވާ އިރު، ސައުދީން ހުށަހަޅާފައިވަނީ ބޮޑެތި މުސާރަތަކެކެވެ. އެހެންކަމުން ޔޫރަޕްގެ އެކިއެކި ކްލަބުތަކަށް ސައުދީ ލީގު ވެގެން ގޮސްފައިވަނީ ޗެލެންޖަކަށެވެ.

މިފަހަރު ސައުދީ ޓްރާންސްފާ މާކެޓް ބަންދުވާން ދިޔަ އިރު، އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ލިވަޕޫލްގެ މިސްރު ތަރި މުހައްމަދު ސަލާހް ގެންދަން އަލް-އިއްތިހާދުން މަސައްކަތް ކުރި ކަމުގެ ވާހަކައެވެ. އުމުރުން 31 އަހަރުގެ ސަލާހު ހޯދަން ސައުދީގެ އަލް-އިއްތިހާދުން ވަނީ މިދިޔަ ދެ ހަފުތާއެއްހާ ދުވަސް ތެރޭ ތިން ފަހަރަކު ބިޑް ކޮށްފައެވެ. ފުރަތަމަ ފަހަރުވެސް 52 މިލިއަން ޕައުންޑްގެ ބިޑެއް ލިވަޕޫލަށް ހުށަހަޅައިފައިވާ އިރު، ސަލާހަށް އިއްތިހާދުން ހުށަހެޅި އެއްބަސްވުމުގައިވާ ގޮތުން، ދެ އަހަރުން އޭނާއަށް 155 މިލިއަން ޕައުންޑުގެ މުސާރައެއް ޖެހެއެވެ.

އޭގެ ފަހުންވެސް އިއްތިހާދުން އިތުރު ބިޑެއް ހުށަހަޅާފައިވާ އިރު، ސައުދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ސަލާހް ވަނީ އެ ހުށަހެޅުން ގަބޫލުކޮށްފައެވެ. އެހެންނަމަވެސް ލިވަޕޫލުން އޭނާ ވިއްކަން އެއްވެސް ގޮތަކަށް ބޭނުން ނުވެ، އެ ބިޑަށްވެސް ބުނީ ނޫނެކޭ ކަމަށް މީޑިއާތައް ބުންޏެވެ. އެންމެފަހުން އިއްތިހާދުން ހުށަހެޅި 150 މިލިއަން ޕައުންޑްގެ ބިޑަށްވެސް ލިވަޕޫލުން ވަނީ ނޫނެކޭ ބުނެފައެވެ.