ޚަބަރު

ޒިޔަތުގެ މައްޗަށް ހިޔާނާތުގެ އިތުރު ކުށްތަކެއް ސާބިތުވެ 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މުހައްމަދު އިޝާން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އިތުރު ހިޔާނާތްތަކެއްގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އިތުރު ހިޔާނާތްތަކެއްގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަަލައިގައި ދައުލަތުން ވަނީ ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ތިން ދައުވާއެއް ކޮށްފައެވެ. ޒިޔަތުގެ މައްޗަށް ދައުވާ ހުށަހަޅުމުން ދައުލަތުން ވިދާޅުވީ 2015 ވަނަ އަހަރު އަދި 2014 ވަނަ އަހަރު ދައުލަތުގެ ކުންފުނިތަކުން އެކި ބޭނުންތަކުގައި އެމްއެމްޕީއާރުސީއަށް ދޫކުރި ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުނިތަކަކަށް ދޫކޮށް، އެ ފައިސާއަށް ހިޔާނަތްވެފައިވާތީއެވެ.

އެގޮތުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ޑޮލަރު ގަތުމަށް ހަވާލުކުރި އެއް މިލިއަން ޑޮލަރު، ޒިޔަތު ވަނީ މޮންޓިލިއަން ކިޔާ އަމިއްލަ ކުންފުންޏަކަށް ދޫކޮށްފައެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޑޮލަރު ހޯދުމަށް ދިން 203 މިލިއަން ރުފިޔާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޒިޔަތު ވަނީ މިލިނިއެމް ކެޕިޓަލްސް ކިޔާ އަމިއްލަ ކުންފުންޏަކަށް ދޫކޮށްފައެވެ. އަދި އެމްއެމްޕީއާރުސީގެ ޑޮލަރު އެކައުންޓުން ޒިޔަތު ވަނީ 6.8 މިލިއަން ޑޮލަރު އަމިއްލަ ކުންފުނިތަކަށް އެސްއޯއެފް ހިމެނޭ ގޮތަށް ލޯނުގެ ގޮތުގައި ދޫކޮށްފައެވެ.

އެ ފައިސާތައް ދޫކޮށްފައިވަނީ، އެ ކުންފުނިތަކަށް އަނބުރާ ފައިސާ ނުދެއްކޭނެކަން ޒިޔަތަށް އެނގޭ ހާލުގައި ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ޒިޔަތުގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަސްކަމަށް ދައުލަތުން ވިދާޅުވިއެވެ. ތިން ދައުވާގެ އަދަބަކަށް ވަނީ ނުވަ އަހަރާއި ހަ މަހާއި 36 ދުވަހެވެ. ނަމަވެސް ޒިޔަތު ދައުވާތަކަށް އިއުތިރާފުވެ، ތަހުގީގަށް އެއްބާރުލުން ދީފައިވާތީ، އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ދައުލަތުން އެދުނީ ކޮންމެ ދައުވާއަކަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިދިނުމަށެވެ. އެއީ ތިން ދައުވާއަށް 12 އަހަރުގެ ޖަލު ހުކުމެކެވެ.

ދައުލަތުން ދައުވާ އިއްވައި ނިމުމުން، ޒިޔަތު ވަނީ އެ ދައުވާތަކަށް އިއުތިރާފުވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ދައުވާގައި ބަޔާންކޮށްފައިވާ ކަންކަމަކީ ހަގީގަތުގައި ހިނގައިފައިވާ ކަންތައްތަކެއް ކަމަށެވެ. ދައުވާއަށް އިއުތިރާފުވެފައިވަނީ އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިހުތިޔާރުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އިއުތިރާފުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ލުއިތަކުގެ އިތުރުން އެއްވެސް ލުޔެއް ބޭނުންނުވާ ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.

ދައުލަތުން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެއްވެސް މިންވަރަކަށް މާލީ މަންފާއެއް ލިބިފައިވާކަމަށް ޒިޔަތު އިންކާރުކުރާ ކަމަށެވެ. ނަމަވެސް ފަހުން ޒިޔަތަށް މާލީ މަންފާއެއް ލިބިފައިވާކަމުގެ ހެކި ލިބިއްޖެނަމަ ގެއްލުމުގެ ބަދަލު ދިނުމަށް ނުވަތަ މުދާ ނެގުމަށް ޒިޔަތު، އެއްބާރުލުން ދެއްވާނެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

ހުރިހާ ދައުވާތަކަށް އިއުތިރާފުވެ، އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައިވާތީ ދައުލަތުން އެދުނީ މިއަދު ހުކުމްކޮށް ދިނުމަށެވެ. އެހެންވެ ޝަރީއަތުން ވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންގޮސް ހުކުމްކޮށްފައެވެ.

މި މައްސަލަ ބެއްލެވީ ގާޒީ އިބްރާހީމް ޒިހުނީއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަތަކެއް ސާބިތުވުމުގެ ސަބަބުން ޒިޔަތު މިހާރު ވެސް ގެންދަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި ޅ. މާބިންހުރާ ގާނޫނާހިލާފަށް ކުއްޔަން ދިން މައްސަލައެއްގައި ޒިޔަތުގެ މައްޗަށް ވަނީ އަށް އަހަރުގެ ހުކުމެއް އިއްވައިފައެވެ. ޒިޔަތު ހުކުމް ތަންފީޒު ކުރުން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.