ދަރަނި ދެއްކުމުގެ ފޯމިއުލާ އެބައޮތް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ހަބަރަށް ފަހު ސްޕެޝަލް" ގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރުކަންވެސް ކުރެއްވި މުއިއްޒު މިރޭ ވިދާޅުވީ، ރާއްޖޭގެ ދަރަނި 113 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ދަރަނި ކުޑަކުރެވޭނީ އިގުތިސޯދުގެ އަސާސްތައް ރަނގަޅުކޮށްގެން ކަމަށެވެ. އެގޮތުން ރިކަރަންޓު ހަރަދުތަކަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ފައިސާ ނެގުން ހުއްޓާލައި ޓެކްސް ފައިސާއިން އެ ހަރަދުތައް ކުރަން ޖެހޭ ކަމަށެވެ. އަދި ފައިސާ ޗާޕުކުރުން ހުއްޓާލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ސަރުކާރުގެ ކުންފުނިތައް ބާރުވެރިކުރާނެ ކަމަށެވެ. އަދި އެ ކުންފުނިތަކަކީ ފައިދާވާ ކުންފުނިތަކަށް ހެދުމަށް ގާނޫނީ އިތުރު ބާރުވެރިކަން ދޭނެ ކަމަށް ވިދާޅުވިއެވެ.

ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދައި ދަރަނި އަދާކުރުމުގެ ފޯމިއުލާ އެބައޮތް ކަމަށާއި އޭނާގެ ވެރިކަމެއްގައި އެކަން ހަގީގަތަކަށް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް ފަސޭހަކަމާއެކީގައި އަޅުގަނޑުމެން ބޭރުގެ ގައުމުތަކާއި އިންސިޓިއުޝަންތަކުގެ އިތުބާރު ގެނެސްދޭނަން. އޭރުން ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ. ދަރަނި ދެއްކުމުގައިވެސް ގޮތްތައް ފެނިގެންދާނެ. އެހެންވީމާ އަޅުގަނޑުމެން އަތުގައި އެބައޮތް މީގެ ފޯމިއުލާ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ޓޫރިޒަމްގެ ސިނާއަތާއި މަސްވެރިކަމުގެ ސިނާއަތުވެސް އިތުރަށް ކުރިއަރުވާނެ ކަމަށެވެ. އެގޮތުން ރާއްޖެއަކީ ޕްރޮސެސްކޮށްގެން މަސް ބޭރުކުރާ ގައުމަކަށް ހަދައި، ރާއްޖޭގައި ނުހެދި ހުރި ރިސޯޓުތައް އިންވެސްޓަރުންގެ އިތުބާރާއެކު ހެދޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.