ޚަބަރު

މަނީ ލޯންޑާކުރަން ބޭނުންވާ މީހެއް ރާއްޖޭގެ ބޭންކިން ނިޒާމު ބޭނުން ނުކުރާނެ: ޔާމީން

މުހައްމަދު އިޝާން

މަނީ ލޯންޑާ ކުރަން ބޭނުންވާ މީހެއް، ރާއްޖޭގެ ބޭންކުތައް ބޭނުންކޮށްގެން އެފަދަކަމެއް ނުކުރާނެކަމަށް ޕީޕީއެމް/ޕިއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާކުރެއްވިކަން ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި އެ މައްސަލައިގައި ރިޝްވަތު ދެއްވިކަމުގެ ކުށް ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.

އެ ދެ ބޭފުޅުންގެ ފަރާތުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުން މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެވެ. މިއަދުގެ އަޑުއެހުމަކީ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް ބޭއްވި އަޑުއެހުމެކެވެ. މަނީ ލޯންޑަރިންގެ ކުށުގެ އިސްތިއުނާފީ ނުކުތާގެ ގޮތުގައި 12 ނުކުތާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ އިސްތިއުނާފީ ނުކުތާގެ ގޮތުގައި ޔާމީންގެ ފަރާތުން ވަނީ 13 ނުކުތާއެއް ހުށަހަޅައިފައެވެ. އެ ނުކުތާތަކުގެ ތެރެއިން ޔާމީންގެ ފަރާތުން މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައިވަނީ ތިން ނުކުތާއަކަށެވެ.

ޝަރީއަތުގެ މާލަމުގައި ވާހަކަދައްކަވަމުން ޔާމީން މިއަދު ވިދާޅުވީ، ރާއްޖޭގެ ބޭންކިން ނިޒާމަކީ މައުލޫމާތު އެއްވެސް ވަރަކަށް ރައްކާތެރިކޮށްދޭ ގޮތަކަށް ބައްޓަން ކޮށްފައިވާ ނިޒާމެއް ނޫން ކަމަށެވެ. ފުލުހުން ބޭނުންވާ އިރަށް، ކޯޓު އަމުރެއް ނެތިވެސް ބޭންކު އެކައުންޓުގެ މައުލޫމާތު ބޭންކުތަކުން ހޯދާކަމަށް ޔާމީން ވިދާޅުވިއެވެ.

"އެހެންވީމާ ދިވެހިރާއްޖޭގަ މަނީ ލޯންޑާކުރަން ބޭނުންވާ މީހަކު ހަގީގަތުގައި ދިވެހިރާއްޖޭގެ އެކައުންޓަކަށް ފައިސާއެއް ނުލާނެ. ބޭންކަކަށް ފައިސާއެއް ނުލާނެ. މަނީ ލޯންޑާ ކުރެވެނީ ހަގީގަތުގަ ކޮންސީލްމެންޓު މި އަންނަނީ ކޮންސީލްކުރާއިރު އެކަން ބަލާ ބައެއްގެ ތަހުގީގީ ނަޒަރަކުން ނޫނިއްޔާ ޝަރީއަތުގެ އެކަން ފައިސަލާ ކުރައްވާ ފަނޑިޔާރުން ވިސްނަވާ. ހަގީގަތުގަ މީތި ކޮންސީޑުވޭ ހެއްޔޭ. ކޮންސީލް ކުރެވެނީ ބޭންކިން ސީކްރެސީ ހުންނަ ތަންތަނުގަ. ބޭންކުގެ މައުލޫމާތު ނުލިބޭ ތަންތަނުގަ. އެއީ ތަހުގީގީ އިދާރާއަކުން އެދުނަސް އަދި އެހެން ގައުމެއްގެ ސަރުކާރުން އެދުނަސް އެ ބޭންކުތަކުންނެއް އެ މައުލޫމާތެއް ނުދޭނެ. އެކަހަލަ ތަންތަނަށް މަނީ ޝިފްޓު ކުރަނީ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ޔޫސުފް ނައީމުގެ ފަރާތުން ލިބުނު އެއް މިލިއަން ޑޮލަރަކީ ވިޔަފާރީގެ މުއާމަލާތެއް ކަމަށެވެ. އެއް މިލިއަން ޑޮލަރަށް ވާ ވަރަށް ނަގުދު ދިވެހި ފައިސާ ހުރިކަން މައްސަލައިގެ ތަހުގީގު ތެރެއިން ލިޔެކިޔުމާއެކު ސާބިތުކޮށްދީފައިވާނެ ކަމަށާއި އެކަން ކުރީ އިސްވެ ބޭނުންވެގެން ކަމަށާއ ތަހުގީގު ކުރާ ފަރާތްތަކުން އެދިގެން ނޫންކަމަށް ޔާމީން ވިދާޅުވިއެވެ. ޝަރީއަތުގެ މަރުހަލާގައި އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ދައުލަތުން ނުދައްކަވައި ހުލާސާ ބަޔާނުގައި "އަޅުގަނޑު މާލީ ހާލަތު ނެތްކަމަށް" ބުނުމުން، އެއަށް ރައްދު ދީފައިވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ކުރިމިނަލް ކޯޓުން ބުރަދަން ދީފައިވަނީ ހަމައެކަނި ދައުލަތުގެ ވާހަކަތަކަށް ކަމަށް ޔާމީން ވިދާޅުވިއެވެ. ހަމައެކަނި ދައުލަތުގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކުރިމިނަލް ކޯޓުން ގޮތެއް ނިންމީ ގާނޫނާހިލާފަށް ކަމަށް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްއަށް އެކި ފަރާތްތަކުން ހަދިޔާކުރާ ފައިސާގެ އިތުރުން އެ މަނިކުފާނަށް ވެސް ވިޔަފާރިވެރިން ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރާކަމަށް ޔާމީން ވިދާޅުވިއެވެ.

"ސިޔާސީ މަސައްކަތެއް ކުރާތީ އަޅުގަނޑަށް ހެޔޮއެދޭ ފަރާތްތަކުން ވިޔަފާރިކުރާ އެކިއެކި ފަރާތްތަކުން ހަމަ ބޮޑެތި އަދަދުން އަޅުގަނޑަށް ފައިސާ ލިބޭ. އެކަމު މި ފައިސާއަކީ ޑިސްކްލޯސް ކުރަންޖެހޭ އެއްޗެއް ނޫނޭ" ޔާމީން ވިދާޅުވިއެވެ. ތަފުސީލު ހާމަކުރަން ޖެހޭނީ ކެމްޕޭނަށް ހަރަދުކުރި ފައިސާކަމަށް ޔާމީން ވިދާޅުވިއެވެ.

ޔޫސުފް ނައީމްގެ ފަރާތުން ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކުރީ އެޗްއެސްބީސީ ބޭންކަަށް ކަމަށް ޔާމީން ވިދާޅުވިއެވެ. އެ ފައިސާ އިސްލާމިކް ބޭންކަށް ޖަމާކުރީ، އެޗްއެސްބީސީ ބަންދުކުރަން އުޅޭކަމުގެ ނޯޓިސް ލިބުމުން ކަމަށް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން އެޗްއެސްބީސީގައި ހުރި ފައިސާތަކެއް އިސްލާމިކް ބޭންކަށް ފޮނުވީ ގޯސް ނިޔަތެއްގައި ނޫންކަމަށް ޔާމީން ވިދާޅުވިއެވެ. އެ ފައިސާ އިސްލާމިކް ބޭންކަށް ޖަމާކުރީ ފުދޭ ވަރެއްގެ އިންޓްރެސްޓް ލިބޭގޮތަށް އެއްބަސްވެގެން ތިން އަހަރު ދުވަހަށްކަމަށް ޔާމީން ވިދާޅުވިއެވެ.

ދައުލަތުން ވިދާޅުވެފައިވަނީ، ޔޫސުފް ނައީމް، އެއް މިލިއަން ޑޮލަރު ހޯދީ ކުށެއް ކޮށްގެން ކަމަށާއި އެހެންކަމުން އެ ފައިސާ "އަޅުގަނޑަށް ދިނުމުން ކްރައިމް އޮފް ޕްރޮސީޑިން" ނުވަތަ އެއީ ކުށެއް ކޮށްގެން ހޯދި ފައިސާކަން "އެނގިފައިވާކަމަށް އަޅުގަނޑަށް" ކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް ޔޫސުފް ނައީމް އެ ފައިސާ ހޯދީ ކުށެއް ކޮށްގެންކަން އެނގިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ޔޫސުފް ނައީމަކީ އެފަދަ އެއްވެސް މައްސަަލައެއްގައި ޝަރުއީ ކޯޓަކުން ހުކުމެއް ކޮށްފައިވާ މީހެއް ނޫން ކަމަށާއި، ޔޫސުފް ނައީމް އެ ފައިސާ ހޯދީ ކުށެއްކޮށްގެންކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެ ފައިސާއަކީ ޔޫސުފް ނައީމް ހިލޭ ދިން ފައިސާއެއް ނޫންކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. ޔޫސުފް ނައީމް އެ ފައިސާ ހޯދީ ޓޫޖީ ކުންފުނީގައި އޮންނަ އޭނާގެ 90 ޕަސަންޓު ހިއްސާ ވިއްކާލައިގެންކަމަށް ޔާމީން ވިދާޅުވިއެވެ.

އަދި ވިދާޅުވީ ޔޫސުފް ނައީމަށް އާރަށް ދިނުމަށް ނިންމާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ރައީސް އޮފީހުން ވަނީ އެ ރަށް އެގްރިކަލްޗާ އެންޑް ފިޝަރީޒް މިނިސްޓްރީގެ ދަށުން، ދަނޑުވެރިކަމަށް ދޫކޮށްފައިވާތީ، ޓޫރިޒަމަށް ދޫކުރުމަށް އަންގާފައި ކަމަށެވެ. ނަމަވެސް ސީދާ ޔޫސުފް ނައީމަށް އެ ރަށް ދިނުމަށް އަންގާފައިނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.