ހަސަން ކުރުސީގެ ނަމުގައި ކުރީގެ ޓުވިޓާ އަދި މިހާރު އެކްސްގައި ހިންގަމުން ދިޔަ އެކައުންޓް ސަސްޕެންޑް ކޮށްފިއެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދިޔަ އެ އެކައުންޓް 13،000 އަށް ވުރެ ގިނަ މީހުން ފޮލޯ ކުރެއެވެ. އެ އެކައުންޓް ސަސްޕެންޑް ކުރީ މިއަދު ހެނދުނެވެ.
ހަސަން ކުރުސީގެ އެކައުންޓް ސަސްޕެންޑް ކުރި އިރު، މިދިޔަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެ އެކައުންޓުގެ ވެރިފަރާތް ހޯދަން ކްރިމިނަލް ކޯޓުން ވަނީ ފުލުހުންނަށް އަމުރުކޮށްފައެވެ. އެ އަމުރުގެ ދަށުން ފުލުހުން ދިޔައީ އެކައުންޓުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ހަސަން ކުރުސީ އެކައުންޓުން އެންމެފަހުން ކޮށްފައިވާ ޓުވީޓުގައި ވަނީ އެމްޑީޕީން ކެމްޕޭނުގެ ކަންތައް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ އިދާރާތަކުގައި ހުރި ރައްޔިތުންގެ މައުލޫމާތު ނަގައި، އެޕްލިކޭޝަނެއް ހަދާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެ އެޕްލިކޭޝަނަކީ ރިޝްވަތު ދިނުމުގެ ކަންތައް އަދި އިންތިހާބާ ދިމާކޮށް ވަޒީފާ ދިނުމާއި ވަޒީފާގެ ޕްރޮމޯޝަން ދިނުން ވިލަރެސް ކުރަން ހަދާފައިވާ އެޕްލިކޭޝަނެއް ކަމަށް އެ އެކައުންޓުން ޓުވީޓުކޮށްފައިވެއެވެ.
ހަސަން ކުރުސީ އެކައުންޓަކީ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ، ޓުވީޓުކުރަމުންނާ އެކައުންޓެކެވެ. ހަސަން ކުރުސީ އެކައުންޓު ހިންގަނީ ނަޝީދު ކަމަށް ވެސް މީގެ ކުރިން ބައެއް މީހުން ވަނީ ތުހުމަތުކޮށްފައެވެ. އެގޮތަށް ތުހުމަތުކުރަން ފެށީ ނަޝީދު ލިޔުއްވި ލިޔުމެއްގައި "ކުރުސީ"ގެ ނަން ބޭނުންކުރައްވާފައިވާ ހިޔާލީ ޝަހުޝެއްގެ ވާހަކަ ގެންނަވާފައިވާތީ އާއި ނަޝީދަށް އެ އެކައުންޓުން ތާއިދުކޮށް ޓުވީޓު ކުރާތީއެވެ.
ނަމަވެސް ނަޝީދު ވިދާޅުވެފައިވަނީ ހަސަން ކުރުސީ އެކައުންޓާ ގުޅުމެއް ނުވާ ކަމަށެވެ. ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ހަސަން ކުރުސީއަކީ އެމަނިކުފާނު ލިޔާ ބައެއް ލިޔުންތަކުގެ ހަގީގީ/ހިޔާލީ ޝަހްސިއްޔަތެއް ކަމަށެވެ. އަދި ހަސަން ކުރުސީއަކީ އެމަނިކުފާނުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއްކަން ދަންނަވަން އުނދަގޫ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެ ފަހުން ނަޝީދު ވަނީ، ހަސަން ކުރުސީ އެކައުންޓު ހިންގާ ފަރާތެއް ހޯދުމަށް ފުލުހަށް މައްސަލަ ހުށަހަޅައިފައެވެ. ނަޝީދު ވިދާޅުވެފައިވަނީ އެ އެކައުންޓުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން އެ މަނިކުފާނަށް ގެއްލުން ލިބެމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު