ޚަބަރު

ދެ ރަށެއްގެ ބަނދަރު ހެދުމާއި އުތީމު ނެރު ފުންކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

މުހައްމަދު އިޝާން

ޅ. އޮލުވެލިފުށި، ޅ. ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއާއި ހއ. އުތީމުގެ ނެރުފުންކުރުމާއި ބޭރުތޮށިލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ.

އޮޅުވެލިފުށި ބަނދަރުގެ ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއަށް، ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ 66.40 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 7،534 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 49,857 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުމާއި 14,160 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް އަދި 164 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 172 މީޓަރުގެ ބޭރުތޮށި ލުމާއި 156 މީޓަރުގެ ސޭންޑްފިލްޑް ބޭރުތޮށި އައުޓާ ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އަދި 156 މީޓަރުގެ ސޭންޑްފިލްޑް ބޭރުތޮށި އިނާ ރިވެޓްމެންޓެއް ޖެހުމާއި 246 މީޓަރުގެ އެއްގަމުތޮށިލުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 27 މީޓަރު ދިގު، ފަސް މީޓަރު ފުޅާ ބްރިޖެއް ހެދުމާއި 132 މީޓަރު ދިގު ދެ މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ އިތުރުން 1،149 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.

ޕްލޭނިން މިނިސްޓްރީން، ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 53.36 މިލިއަން ރުފިޔާއަށް 456 ދުވަހުން ނިންމާ ގޮތަށެވެ. ކުރެންދޫ ބަނދަރުގެ ހެދުމުގެ މަޝްރޫއުގެ ދަށުން 36,363 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 63 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 415 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން 243 މީޓަރު ދިގު، ދެ މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހެދުމާއި 60 މީޓަރު ދިގު، ދެ މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހެދުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރާނެއެވެ.

އުތީމު ނެރުފުން ކުރުމާއި ބޭރުތޮށިލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 5.74 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތަކީ

8،400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރުފުން ކުރުމާއި 50 މީޓަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ.