ހިޔާލުތަފާތުވާ ބޭފުޅުންނާއެކީގައި މަސައްކަތް ކުރެއްވޭނެ ވެރިޔަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫނީ ނެތް ކަމުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން މިހާރު ބާއްވަމުން އަންނަ ޖަލްސާގައި ޔާސިރު ވިދާޅުވީ، މި ސަރުކާރުން އެ ސިޓީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަމުން އަންނަ ކަމަށެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގެ ތައުލީމީ ނިޒާމަށް އެހެން އެއްވެސް ސަރުކާރެއްގައި ހަރަދު ނުކުރާ ވަރަށް މި ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށެވެ.
ޔާސިރު ވިދާޅުވީ، ސިޔާސީ ވެރިން ހައްޔަރުނުކޮށް ވެރިކަމުގެ ދައުރެއް ނިންމާލާ ފުރަތަމަ ރައީސަކީ ރައީސް ސޯލިހު ކަމަށެވެ.
ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ތިބީ، އެއްބުރުން ރައީސް ސޯލިހު އިންތިހާބުކުރުމަށް ފައިނަގައިގެންކަން ފާހަގަކުރައްވައި ޔާސިރު ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މަގުސަދެއް ނެތް ކަމަށާއި ބައެއް ޕާޓީތަކުން ވެރިކަމަށް ކުރިމަތިލައިގެން އުޅެނީ ވެރިކަން ހޯދުމަށް ނޫން ކަމަށެވެ.
ޔާސިރު ވިދާޅުވީ، ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ އެންމެ ބޮޑު ސަބަބަކީ ހިޔާލުތަފާތުވާ ފަރާތްތަކާއެކުގައިވެސް މަސައްކަތް ކުރައްވަން އެނގިވަޑައިގެންނެވުން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވައި އިތުރު ވެރިއެއް އިތުރު ބޭފުޅެއް ނެތް ހިޔާލުތަފާތުވާ ބޭފުޅުންނާއެކީގައި މަސައްކަތް ކުރެވޭނެ" ޔާސިރު ވިދާޅުވިއެވެ.
ޔާސިރު އިތުރަށް ވިދާޅުވީ، މަޝްރޫއުތައް ހިސާބު އަދަދުން ބަލާނަމަ މި ސަރުކާރަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދުނު އެހެން އެއްވެސް ވެރިކަމެއް ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު