ކުޅުދުއްފުށި ސިޓީއަކީ އަބަދުވެސް ސިޔާސީގޮތުން ތަފާތު ސިޓީއެކެވެ. އެގޮތުން އީދުގެ މުނާސަބަތުތަކުގައި ފާހަގަކޮށްލެވޭ މަށި މާލި ޕެރޭޑަކީ އޭގެ ފުރިހަމަ މިސާލަކަށް ވާނެއެވެ. މުޅި ރާއްޖެއަށް މަޝްހޫރުވެފައިވާ ކުޅުދުއްފުށި މަށި ޕާލި ޕެރޭޑުން ސަރުކާރުތަކާއި ސިޔާސީ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުކިޔައެވެ. ސިޔާސީގޮތުން ފާޑުކިޔަމުންދިޔަ ނަމަވެސް، އެ ޕެރޭޑުން ދެމުންދަނީ ތަފާތު މެސެޖުތަކެކެވެ.

މި ސިޓީން މިއަދުވެސް ފެންނަނީ ސިޔާސީ ވާދަވެރިކަމެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ސިޓީއަށް ވަޑައިގެންނެވުމާ އެކު ދިން ހޫނު މަރުހަބާ އިން ވެސް މި ސިޓީއަކީ ސިޔާސީ ހަރަކާތް ހިންގުމަށް ނަމޫނާ ސިޓީއެއްކަން ޔަގީންވެއެވެ.

ރައީސް ސޯލިހު މި ސިޓީއަށް ވަޑައިގަންނަވާތީ، 2000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ދިގު ސަފަކަށް އަތުރާލައިފައެވެ. އެ ދިގު ސަފުގައި ތިބި ރައްޔިތުންނާ ސަލާމްކުރެއްވުމަށް ރައީސް ވަނީ 55 މިނެޓު ހޭދަކުރައްވައިފައެވެ. އެއާއެކު މިއީ މިފަހަރުގެ ކެމްޕޭނުގައި ކެންޑިޑޭޓަކަށް ލިބުނު އެންމެ ބޮޑު ތާއީދެވެ.

ރާއްޖޭގައި އެންމެ ފަހުން އުފެދިގެންދިޔަ ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސް ވެސް އުފެދިގެންދިޔައީ މި ސިޓީގެ ބައިވެރިވުމާއެކުއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓްސްގެ އިސް ސަފުން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި މޭޔަރު މުހައްމަދު އާތިފް އަދި ކައުންސިލުގެ ގިނަ މެންބަރުންތަކެއް ފެނިގެންދިޔައެވެ. އެބޭފުޅުން ޑިމޮކްރެޓްސް އެފެއްދުމަށް އެމްޑީޕީން ވަކިވީ އެކުއެކީގައެވެ. ޑިމޮކްރެޓްސްއާ ޔާސިރު ގުޅިވަޑައިގެންނެވީ ވެސް ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން ބައްދަލުވުމެއްގައި އެމަނިކުފާނަށް ތައުރީފުކުރައްވައި ވާހަކަދެއްކެވުމަށްފަހުއެވެ.

ކުޅުދުއްފުށިން ޑިމޮކްރެޓްސްއާ ގުޅުނު ބޭފުޅުން ކުއްލިއަކަށް ނެގި "ޔޫ ޓާން" ވެގެންދިޔައީ ސިޔާސީ މަސްރަހު ސިއްސުވާލި ކަމަކަށެވެ. ޔާސިރާއި މޭޔަރު އާތިފާއެކު ކައުންސިލު މެންބަރުން ޑިމޮކްރެޓްސް އިން ވަކިވެ، އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މިދިޔަ މަހުގެ 15 ގައެވެ. އެ ނިންމުން ނިންމުމުގައި ހދ. އަތޮޅުގެ ކެމްޕޭން ކޯޑިނޭޓަރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުރު ފާހަގަކޮށްލެވެއެވެ.

އެބޭފުޅުން ޑިމޮކްރެޓްސް އިން އަނބުރާ އެމްޑީޕީއަށް ގުޅިވަޑައިގެންނެވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެގެންދިޔައެވެ. އޭގެ ތެރޭގައި ރައީސް ނަޝީދުގެ ފާޑުކިޔުން ވެސް ފާހަގަކޮށްލެއެވެ. ނަމަވެސް އެބޭފުޅުން ވިދާޅުވާގޮތުން، އެ ނިންމުމަކީ އަމިއްލަ ދާއިރާގެ ތަރައްގީއަށްޓަކައި ނިންމި ނިންމުމެކެވެ.

އޭގެ ފަހުން ކުޅުދުއްފުއްޓަށް ވަޑައިގެން ބޭއްވި ބައްދަލުވުމެއްގައި ޔާސިރަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ޒުވާން ކުދިން ސިޔާސީ މައިދާނަށް ނެރުމަށްޓަކައި ކުރެއްވި މަސައްކަތުގެ ތެރެއިން ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހަކު ގޮވައިގެން ގޮސް މަޖިލީހުގެ ދާއިމީ ކޮމިޓީގެ ނައިބު މުގައްރިރުކަން ވާނީ ހަވާލުކުރައްވައިފައެވެ. އަދި ޔާސިރު އުޅުއްވަނީ ވަގުތީ އުފަލެއްގެ ދަޅައިގައި ޖެހިގެން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު އެ ބޭފުޅާ އާއެކު ހުސް ވަގުތުތަކުގައި ވީހާވެސް ގިނައެއްކޮށް މަޝްވަރާކޮށް، ވާހަކަދައްކާ ހަދަމުން ދިޔައިން. ނަމަވެސް ވަގުތީ ފައިދާގެ ދަޅައިގައި، ޒުވާން އުމުރުގައި ބައެއް ބޭފުޅުން އެބަ އެ އަވާގައި ޖެހޭ. އަޅުގަނޑު ދަންނަވާނީ އެއީ ވަރަށް ހިތާމަހުރި ކަމެކޭ. އަޅުގަނޑު ނުދެކެން ކުޅުދުއްފުށި ރައްޔިތުންގެ ޒަމީރު މިހާ އަވަހަށް ގުޑައިދާނެ ކަމަކަށް،" ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ކުޅުދުއްފުށި ރައްޔިތުން ބަޔަކަށް ދޭ ތާއިދާކީ ވިޔަފާރިއަކަށް ހަދަން ބޭނުމެއް ނުވެއެވެ. އަދި އެ ތާއިދުން ބަޔަކަށް އެތައް މިލިއަން ރުފިޔާ ލިބޭނެ ގޮތަކަށް ކަންކަން ވުމަށްވެސް ކުޅުދުއްފުށި ރައްޔިތުން ބޭނުންނުވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޔާސިރާއި މޭޔަރު އާތިފާއެކު ކައުންސިލު މެންބަރުން ކުއްލިގޮތަކަށް އެ ނިންމުން ނިންމަވާފައިވަނީ "އެމްޑީޕީ ރޫޅާލާނެ" ކަމަށް ތަކުރާރުކޮށް ނަޝީދު ވިދާޅުވަމުންދަނިކޮށެވެ. އެބޭފުޅުން ޑިމޮކްރެޓްސް ދޫކޮށްލެއްވި އިރު، ރައީސް ނަޝީދަށް ތާއީދުކުރައްވަމުންދިޔަ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވެސް ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

މި ސިޓީން ވާހަކަދެއްކި މީހަކު "ވަން" އަށް ބުނިގޮތުގައި މިއީ ނަޝީދަށް ވެސް، ރޫޅާލެވޭނެ ސިޓީއެއް ނޫނެވެ. ރައީސް ސޯލިހާއި އެމްޑީޕީއަށް މިހާރު ތާއީދުކުރާ މީހުން މި ރަށުން އިތުރުވަމުންދާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަކީ ތަރައްގީއަށް ލޯބިކުރާ ބައެއް. ތިޔަބޭފުޅުންނަށް ވެސް މިހާރު ފެންނާނެ އަސްލު މަންޒަރު. ބޮޑު ފަޅިއަކީ ކޮބައިކަން ފެންނާނެ. ރައީސް ނަޝީދު އެ ތާއީދުކުރައްވާ އިލްޔާސް ލަބީބަށް އޮތީ ވަރަށް ކުޑަ ތާއީދެއް. އިލްޔާސަށް ފަސް ޕަސަންޓް ލިބުނަސް ހަމަ ސާބަސް. އެމްޑީޕީ ރޫޅާލާނަމޭ ބުނި މީހުން، އަމިއްލައަށް އެދަނީ ރޫޅެމުން. ރައީސް ނަޝީދަށް މިހާރު ސަޕޯޓެއް ނެތް. އެބޭފުޅާ ރަނގަޅުވާނީ ސިޔާސީ ހަޔާތް ނިންމައިލެއްވިއްޔާ،" މި ސިޓީން ވާހަކަދެއްކި މީހާ ބުންޏެވެ.

ކުޅުދުއްފުށިން މިއަދު ރައީސަށް ދައްކާލި ވަރުގަދަ ތަރުހީބުން ފެނިގެންދިޔައީ މި ސިޓީ އެއް ބުރުން އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވަން ތައްޔާރަށް ތިބި ކަމެވެ. މި ސިޓީން ފެނިގެންދިޔައީ ރީނދޫ ލަޝްކަރެވެ. ރައްޔިތުން ދައްކާލީ އެ ރައްޔިތުންގެ ފިކުރެވެ. އަދިވެސް ބަދަލެއް ނެތި، އެމްޑީޕީއާއެކު ތިބި ތަނެވެ. ދައްކާލީ ރޫޅާނުލެވޭނެ ކަމުގެ އިންޒާރެވެ.