އާބަންކޯ އާއި މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން އަންހެނުންނަށް ހާއްސަކޮށްގެން، އަންހެނުން ބާރުވެރިކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

"ވިލުނުވެރި ކަނބަލުން"ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް ފުރިހަމަ ކުރި 150 އަންހެނުންނަށް ސެޓްފިކެޓް ހަވަލުކުރީ ރޭ ފަރުކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އާބަންކޯގެ ޗީފް ހޮސްޕިޓާލިޓީ އޮފިސަރު އިބްރާހިމް އިނާޒެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި އާއްމު ދިރިއުޅުމުގައި ގޭތެރޭގައި ބޭނުންކުރާ ހިފާގެންގުޅޭ ކަރަންޓުސާމާނު ރައްކާތެރިކޮށް ބޭނުންކުރާނެ ގޮތާއި އެ ތަކެއްޗަށް ދިމާވާ ކުދިކުދި ކަރަންޓު މައްސަލަތަކަކީ ކޮބާކަމާއި އެ ކަންކަން ހައްލު ކުރާނެ ގޮތް ދަސްކޮށްދީފައިވެއެވެ.

އާބަންކޯއިން ބުނީ، މި ފަހަރުގެ "ވިލުންވެރި ކަނބަލުން" ގެ ޕްރޮގްރާމުގައި ބައިވެރިވުމަށް 300 އަށްވުރެ ގިނަ ފާރާތަކުން ފޯމު ހުށަހެޅި ކަމަށާއި އެ ހުރިހާ ބައިވެރިންނަށްވެސް ފުރުސަތު ދިނުމުގެ ގޮތުން އެ ޕްރޮގްރާމު ހިންގުމަށް ހަމަޖެެއްސީ ޖުމުލަ ނުވަ ބެޗަކަށް ބަހަލައިގެން ކަމަށެވެ.