ވިނަރެސް ލިސްޓުގައި ނަން ހިމެނިފައިވާ ހުރިހާ ފަރާތްތަކުންވެސް، ގެރެންޓާ ފޯމް، ގެރެންޓާ ކުރެޑިޓް ރިޕޯޓް އަދި ޕާސަނަލް ކުރެޑިޓް ރިޕޯޓް ހުށަހެޅުމުން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ފުލެޓްގެ ތަޅުދަނޑި ހަވާލު ކުރެވިގެން ދާނެކަމަށް އާބަންކޯއިން ބުނެފިއެވެ.
ހުޅުމާލޭގައި ތަރައްގީކޮށް އާއްމުންނަށް ހުޅުވާލައިފައިވާ ވިނަރެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. ހިޔާ، ސީލައިފް އަދި ގުޅިފަޅުން ބަދަލުވި ފަރާތްތަކަށް މިހާރު ތަޅުދަނޑި ހަވާލު ކޮށްފައިވާއިރު، މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެކުލަވައިލައިފައިވާ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ހަވާލު ކުރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުން ކަމަށް އާބަންކޯއިން ބުނެއެވެ.
މި ލިސްޓުގައި ހިމެނިފައިވާ އެއްވެސް ފަރާތެއް އުނި ނުވާނެ ގޮތްތަކެއް ހޯދައިދިނުމަށް، އާބަންކޯއިން 'ލީސް.ޓު.އޯން މޮޑެލް' ގައި ވިނަރެސް ފްލެޓް ގަތުމަށް މާލީ ގާބިލިއްޔަތުކަން ސާބިތުކޮށްދެވިފައި ނުވާ ފަރާތްތަކަށް މާލީ ގާބިލިއްޔަތުކަން ފުރިހަމަކުރުމުގެ އިތުރު ފުރުސަތެއް ހޯދައިދީ ލުއިތަކެއް މިހާރު ހޯދައިދެވިފައިވާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
މިގޮތުން، އާމްދަނީ ސާބިތުކުރުމަށް ބޭނުންވާ އިތުރު ލިޔެކިޔުންތައް ހުށަހެޅުން، އެމްއެމްއޭގެ ކްރެޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާ ފަރާތްތަކުން މި ރިޕޯޓް ހުށަހަޅެން، އެލިޖިބަލް އީއެމްއައި ސާބިތު ނުވާނަމަ، ފޯމު މެދުވެރިކޮށް ގެރެންޓާއެއް ހަމަޖެއްސުމުގެ ފުރުސަތު އަދި މިގޮތުން ގެރެންޓާގެ ކްރެޑިޓް ރިޕޯޓާއެކު އާއިލީ ގުޅުން ނެތް ފަރާތްތައްވެސް ހަމަޖެއްސުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ކަމަށައި އަދި މިކަމުގައި ބޭނުންވާ ފޯމުތައް ފުރުމަށް އާބަންކޯގެ ޓީމްތަކުން އެހީތެރިވާނެ ކަމަށްވެސް ބުނެއެވެ.
މިގޮތަށް ބަދަލު ގެނެސް ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ، ވީހާވެސް ގިނަ ފަރާތްތަކަށް ވިނަރެސް އެޕާޓްމަންޓްތައް ބައްލަވައިގަތުމުގެ ފުރުސަތު ފަހިކޮށްދީ، ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކާއި ފުރުސަތުތައް ރައްޔިތުންނަށް ވީހާވެސް ފަސޭހައިން ހޯދޭނެ މަގު ފަހިކޮށްދިނުން ކަމުގައި އާބަންކޯއިންބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު