އަންނަ ހޮނިރު ދުވަހުގެ އިންތިހާބުގައި އިދިކޮޅު ޕީއެންސީން ވާދަ ކުރައްވާ ރިޔާސީ ކެނޑިޑޭޓް، މާލޭ ސީޓިގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އެކި ރަށްރަށަށް ކުރައްވަމުން ގެންދަވާ ކެމެޕެއިން ދަތުރުފުޅުގައި މިއަދު ތ. ވޭމްނަޑޫއަށް ވަޑައިގެން ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.

ވޭމަންޑޫއަށް ވަޑައިގެން އެ ރަށުގައި ތިބި ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، "ވޭމަންޑޫގެ ތަރައްގީއަށް ޓަކައި ވަރަށް ގިނަ ކަންތައްތައް ކުރިއަށް ގެންދަން އަޅުގަނޑުމެން ގަސްތު ކުރަނީ، ތަރައްގީއަށް ވަރަށް ގިނަ މަސައްކަތްތައް ކުރުމުގެ ފުރުސަތު އޮތް އަދި އިގްތިސާދީ ގޮތުންވެސް ކުރިއަށް ދިއުމުގެ ފުރުސަތު އޮތް މުހިއްމު ރަށެއް މިރަށަކީ،" ކަމަށެވެ.

އެގޮތުން އެއް ކަމަކަށް އެރަށުގެ މަގުހެދުމުގެ މަޝްރޫއަކީ ކުރިއަށް ގެންދަން ޖެހޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ ކަމަށާއި، ރަނގަޅު ފެންވަރެއްގެ ބަނދަރެެއް ހެދިގެން ދިއުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ވެރިކަން ލިބިވަޑައިގެންފިނަމަ، އެރަށުގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ކުރިއަށްގެންދަން ގަސްތު ކުރައްވާ ކަމަށާއި، އެ ރަށުގެ ބަނދަރު ރަނގަޅު ފެންވަރަކަށް އަޕްގްރޭޑްކޮށް މިހާރަށްވުރެން ބޮޑު، ރަނގަޅު ބަނދަރެއް ހައްދަވައި ދެއްވަން ގަސްތު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ސިއްހީ ނިޒާމަކީ މިސަރުކާރުން އެންމެ ބޮޑަށް އިހުމާލު ވެފައިވާ ނިޒާމު ކަމަށެވެ. މިހާތަނަށް ވަޑައިގެންނެވި ހުރިހާ ރަށަކުން އެކަން ފާހަގަ ވެފައިވާ ކަމަށާއި، އެހެންކަމުން "އަޅުގަނޑުމެންގެ ސިއްހީ ސިޔާސަތުގައި އޮންނާނީ އެކަންކަން ރަނގަޅު ކުރާ ވާހަކަ، މިރަށުގައި ހުރި ހޮސްޕިޓަލަކީ މިހާރު ހުރި ފެންވަރުން އެތައް ގުނައެއް ރަނގަޅު ފެންވަރަކަށް ހަދައިދީ މިސަރަހައްދުގެ ރަނގަޅު ފެންވަރަކަށް ބަދަލު ކޮށްދޭނެ ވާހަކަ ދަންނަވަން،" ކަމަށްވެސް ވިދާޅުވިއެވެ.

ހަމަ އެއާއެކު، "އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން، މިރަށާއި ކިނބިދޫއާ ދޭތެރޭގައި އޮތް ގުޅުން ތިބޭފުޅުން ބޭނުންވާ ގޮތަށް އަދި ރައީސް ޔާމީންގެ ވިސްނުންފުޅުން އެމަނިކުފާނު 2018ގައި ވިދާޅުވެފައިވާގޮތަށް ގުޅުވައިލުމަކީ އަޅުގަނޑުމެންގެވެސް ސިޔާސަތެއް، އެހެންވީމާ މި ދެރަށް ގުޅާލަދޭނެ،" ކަމަށްވެސް ވިދާޅުވިއެވެ.

އެ ދެރަށް ގުޅައިލުމުގެ މަޝްރޫއާއެކު ކިނބިދޫއާއި ވޭމަންޑޫއަށް މިބިން އިތުރުކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އިތުރު ކުރެވޭ ބިން ބޭނުން ކުރާނީ އިގްތިސާދީ ގޮތުން އެކި ކަހަލަ ނަފާތައް ހޯދަން އިގްތިސާދީ މަސައްކަތްތައް ކުރިއަށް ގެންދަން، އަދި ގެދޮވެރިކަމަށް ބޭނުންވާ ގޯއްޗާއި ހައުސިން މަޝްރޫއުތައް ހިންގަން،"

މުއިއްޒު ވިދާޅުވީ، ވޭމަންޑޫގައި ހުރި މިސްކިތަކީ، ގިނަ ދުވަސްވެފައިވާ މިސްކިތެއް ކަމަށާއި، އެރަށުގައި މިސްކިތެއް އިމާރާތް ނުކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށެވެ. އެހެންކަމުން ޒަމާނީ ބޮޑު މިސްކިތެއް އެރަށުގައި އަޅައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.