މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ފަތިހު މަޖީދީމަގު ރެޑްވޭވްއާ ހިސާބުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒު، ގެ ހާލު ކުރިއަށްވުރެ ރަނގަޅު ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

މިވަގުތު އަދި ރަނގަޅުކަމަށާއި ނަމަވެސް ވަރަށް އަވަހަށް ރާއްޖެއިން ބޭރަށް ފުރަން ޖެހޭ ކަމަށް އާއިލާއިން ބުނެއެވެ. އަނގައިގައި ނަރުގަނޑު އަޅުވާފައި ހުރުމުންނާއިއެކު ގިނަ ވަގުތު ވާހަކަ ދެއްކުމަށް ދަތިވެ ހިނގާ އުޅުމުގައިވެސް އަސާގެ އެހީ ބޭނުން ކުރަން ޖެހޭކަމުގައި ބުންޏެވެ.

"ހަރު އެއްޗެތި ކާން އުނދަގޫ އަދި މި ވަގުތު ނަރުގަނޑު އަޅުވާފަ ހުރީމަޔާއެކީ ގިނަ ވަގުތު ވާހަކަ ދެއްކީމަވެސް އުނގަދޫވޭ. ގޭތެރޭ އަސާ ބޭނުންކޮށްގެން ހިނގަނީ. އެކަމަކު އެހާ ގިނައިރު ތެދުވެ ނުހުރެވޭ. ހަނދާންވެސް އިރާދަކުރެއްވިއްޔާ ބައްޔެއްނޫން." ހަފީގު އާއިލާގެ މެންބަރަކު ބުންޏެވެ.

ހަފީޒު ވެންޓިލޭޓަރުން ނެގީ މިއަހަރުގެ ޖުލައި 17 ވަނަ ދުވަހުގައެވެ. ވެންޓިލޭޓަރުން ނެގުމަށްފަހު ފަރުވާ ދިނީ އެޗްޑީޔޫގައި ކަމަށް އާއިލާއިން ބުންޏެވެ. އިއްޔެރޭގެ ވަގުތެއްގައި ހަފީޒު ރާއްޖެ އައި ނަމަވެސް އަންނަ އޮކްޓޯބަރު މަސްތެރޭ އަނެއްކާވެސް ރާއްޖެއިން ބޭރަށް ފަރުވާއަށް ފުރާން ޖެހޭ ކަމުގައި އާއިލާއިން "ވަން" އަށް ބުންޏެވެ.

ޖޫން 28 ގައި ހަފީޒު އެކްސިޑެންޓުވި ދުވަހުން ފެށިގެން އޭނާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު އޭނާ އިންޑިއާގެ ކޮޗިންއަށް ފުރުވާލިއެވެ.

ހަފީޒުގެ އާއިލާ މީހަކު "ވަން" އަށް މީގެ ކުރިން ބުނީ ގިނަ ދުވަސްތަކަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު އޭނާ މިހާރު ވެންޓިލޭޓަރުން ނަގައިފައިވާ ކަމަށެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަނީ އެޗްޑީޔޫގައިކަމަށް ބުންޏެވެ. އޭނާގެ ހާލު ކުރިއާ އަޅައިބަލާ އިރު، މިހާރު ރަނގަޅު ކަމަށްވެސް ބުންޏެވެ.

ހަފީޒު އެކްސިޑެންޓުވި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.ޖުލައި 17 ވަނަ ދުވަހު ފުލުހުން ހަފީޒު ހޮސްޕިޓަލަށް ގެންދިޔަ މީހުން ހޯދަން އިއުލާން ކުރީ، ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ސާފު ކުރުމަށެވެ.

ހަފީޒު ގައިގައި ޖެހުނު ސައިކަލް ދުއްވަން އިން މީހާ ފުލުހުން ހައްޔަރުކުރީ ޖުލައި ތިންވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ޖުލައި ހަތަރުވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ރ. އިނގުރައިދޫ، ލެގޫން ވިއު، ޝަމްއާން އަބްދުއްޝުކޫރު (22އ)އެވެ.

ޝަމްއާންގެ ދިފާއީ ވަކީލު ވިދާޅުވެފައިވަނީ ހަފީޒަށް އަނިޔާވިކަމަށް ޝަމްއާން އިންކާރު ނުކުރާ ކަމަށާއި ހަފީޒަށް އަނިޔާވީ ކަފި ހުރަސްމަތިން ހުރަސް ކުރަނިކޮށް ނޫން ކަމަށެވެ.

"ތުހުމަތުކުރެވޭ ފަރާތުން ސައިކަލުގައި ދަނިކޮށް، އަނިޔާ ލިބުނު ފަރާތް މަގު ހުރަސްކުރަމުން، ސައިކަލް އަންނަ ތަން ފެނިގެން ޕެނިކްވެގެން ސައިކަލާ ދިމާލަށް ދުއްވައިގަނެވުމުން، ސައިކަލުގައި އަނިޔާ ލިބުނު ފަރާތް ގޮސް ލައިގަނެގެން އެކްސިޑެންޓުވީ،" ވަކީލު ވިދާޅުވެފައިވެއެވެ.

އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވެފައިވަނީ ޝަމްއާން އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށާއި އޭނާ ސައިކަލް ދުއްވާފައިވަނީ ބާރު ސްޕީޑުގައި ކަމަށެވެ. އަދި ބާރު ސްޕީޑުގައި ސައިކަލު ދުއްވިކަމަށް ޝަމްއާން އިއުތިރާފުވެފައިވާ ކަމަށް އޮފިސަރު ވިދާޅުވެފައިވެއެވެ.

ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް ޝަމްއާންގެ ފަރާތުން އެދިފައިވީ ނަމަވެސް، އިންވެސްޓިގޭޝަން އޮފިސަރު އެދުނީ ޝަމްއާންގެ ބަންދު އިތުރުކޮށް ދިނުމަށެވެ. ޝަމްއާނަކީ ބަންދު ލޮގް އަދި މީގެ ކުރިން އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.