ކޮންމެ ކަމެއްގައި ތެދުވެ، ސަރުކާރާ އިދިކޮޅަށް ވާހަކަދެއްކުމަކީ ޑިމޮކްރަސީ ނޫން ކަމަށާއި އެކަމާ ދެކޮޅަށް ވާހަކަދައްކަން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ތިއްބަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ހެނދުނު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ވަނީ ސަރުކާރަށް ސުޕަ މެޖޯރިޓީ ދީފައި ކަމަށާއި އެހެންކަމުން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ތިއްބަވަން ވާނީ ސަރުކާރާ އެއްކޮޅަށް ކަމަށެވެ.
"ކޮންމެ ކަމެއްގައި ތެދުވެވަޑައިގެން ސަރުކާރާ އިދިކޮޅަށް ވާހަކަދެއްކެވުމަކީ، ސްޓޭންޑް ނެންގެވުމަކީ ޑިމޮކްރަސީއެއް ނޫން. މަޖިލީހުގައި ތިއްބަވާނެ ސަރުކާރާ އިދިކޮޅު ވާދަވެރި އެމްޕީން. އެބޭފުޅުން ވާހަކަދައްކަވަން ވާނެ، އޭގައި ހުރި ކަންތައްތަކާ ދޭތެރޭ ފާޑުވިދާޅުވަން ވާނެ. އެބޭފުޅުންގެ ޒިންމާއަކީ އެއީ. އެކަމަކު ގައުމީ މަސްލަހަތު ހިމެނޭ ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވިސްނުން އެއް މިސްރާބަކަށް ހުންނަން ޖެހޭ ބައެއް ކަންތައްތައް އަންނާނެ. އެ ކަންތައްތަކުގައި ހުރިހާ ބޭފުޅުންގެ ތާއީދު، ކޮންމެހެން ސަރުކާރަށް ތާއީދުކުރުމެއް ނޫން، އެކަމަކާ ގުޅިގެން ލިބެން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރުން މަސައްކަތްކުރައްވަން ވާނީ ސަރުކާރުގެ ސިޔާސަތުތައް ދަމަހައްޓަން ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރުގެ ގޮތުގައި އެމަނިކުފާނު ވެސް ހުންނެވީ އެގޮތުގައި ކަމަށެވެ. އަދި ހިޔާލުތަފާތުވުން ހުރި ކަންކަމުގައި ވާހަކަދައްކައިގެން އިސްލާހުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކީ ދާއިރާއެއް ތަމްސީލުކުރާ، ރައްޔިތުންތަކެއް ތަމްސީލުކުރާ ބޭފުޅަކަށްވާތީ ތަފާތު ހިޔާލު އަންނާނެ. އެހެންނަމަވެސް މައިގަނޑު އުސޫލަކަށް ބައްލަވަން ވާނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުން. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރި ދުވަސްވަރު، އަޅުގަނޑުމެންގެ ވެރިކަން އޮތް އިރުގައި ސަރުކާރުން ހުށަހަޅާ ބިލުތަކާއި ސަރުކާރުން ތަންފީޒުކުރަން ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފުރިހަމަ އެއްބާރުލުން ދިނިން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ދައުރު ފެށުމާއެކުގައި އެ ލިބުނު ސުޕަމެޖޯރިޓީއާ އެކީގައި އެ މަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ސްޕީޑުގައި، ބޭނުންފުޅުވާ ވަރަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އެހީތެރިކަން ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު