ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުރީގެ ސަރުކާރުތަކުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި މާފުކޮށްދޭން އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވައުދުވެވަޑައިގެންފިއެވެ.

ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮންމެ ރަށެއްގެ ކޮންމެ ބިމެއް ވިޔަސް ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެ ބިންތައް ރައްޔިތުންނަށް ދިނުމާ ދެކޮޅު ނުހައްދަވާނެ ކަމަށާއި ނަމަވެސް ބޯހިޔާވަހިކަން ދިނުމުގައި އިންސާފުވެރި އުސޫލެއް ގެންގުޅެން ޖެހޭ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް އަރާ ޑްރޯން ފޮޓޯއަކާއެކު ކުރެއްވި ޓުވީޓުގައި ގާސިމް ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ އެންމެ އަގުބޮޑު ބިންތައް ވަކި ބަޔަކަށް ދޭއިރު، އެ ހައްގުން ބައެއް ރައްޔިތުން މަހްރޫމުވެފައި، އަދި ހަމަ އެ ބިމުގައި އިމާރްކޮށްފައިވާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ފްލެޓް ތަކުން 20-25 އަހަރުން 2.5 މިލިއަން ރުފިޔާ، ހާލުގައި ދިރިއުޅޭ ރައްޔިތުންގެ އަތުން ނެގުމަކީ އިންސާފެއް ނޫން ކަމަށެވެ.

"އެހެން ކަމުން އަޅުގަނޑުގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖުތިމާއީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށްދޭނަން" ގާސިމް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން ހުޅުމާލޭގައި ގާތްގަނޑަކަށް 11،000 ފްލެޓް އިމާރާތް ކޮށްފައި އެ ބަހުއްޓެވެ. އޭގެ ތެރެއިން 7،000 ފްލެޓަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން އިމާރާތްކުރި ހިޔާ ފްލެޓްތަކެވެ. މި ސަރުކާރުންވެސް އަންނަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 4،000 ފްލެޓް ހެދުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރަމުންނެވެ.

ފްލެޓްތަކުގެ ކުލި މާފުކޮށްދޭން ގާސިމް ވައުދުވެވަޑައިގެންނެވިއިރު، އޭނާ ވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ އެސްއެމްއީ ލޯނުތަކާއި ސްޓޫޑަންޑް ލޯނުތައްވެސް މާފުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.