ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ޑްރަގު ރިހެބިލިޓޭޝަން ޕްރޮގްރާމު ފުރިހަމަކުރާ ޒުވާނުންނަށް ކޫއްޑާ އަދި ފެލިވަރުން ވަޒީފާ ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރަނިންމޭޓް ޓޯކް ޝޯ"ގައި މިރޭ ވާހަކަދައްކަވަމުން ސެމްބެ ވިދާޅުވީ މަސްތުވާތަކެއްޗަކީ މުޖުތަމައުގެ ތެރޭގައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލަ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ބޯޑާ ނިޒާމު ހަރުދަނާކޮށް، މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގައި އަޅުގަނޑުމެންގެ ކޮމިއުނިޓީ ސާވިސްގެ ގޮތުގައި މި ކޫއްޑޫ، ފެލިވަރު މި ތަންތަނުގައި މި ފަރާތްތަކަށް ޕްރޮގްރާމްސް ހިންގައިގެން ވަޒީފާގެ ފުރުސަތު ދީގެން، އިންކަމް ލިބިގެން، މުޖުތަމައު ބަލައިގަންނަ ފެންވަރުގެ ބަޔަކަށް، އެ ފަރާތްތައް ހެދުމުގެ ނިޒާމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ގާއިމުކޮށްދޭނަން،" ސެމްބެ ވިދާޅުވިއެވެ.
ސެމްބެ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ރިހިބިލިޓޭޓް ކުރުމަށް، ދެކުނާއި އުތުރު އަދި މާލޭ ސިޓީގައި ބައިނަލްއަގުވާމީ ފެންވަރުގެ ރިހެބިލިޓޭޝަން ސެންޓަރު ނުވަތަ ކުލިނިކުތައް ހަދާނެ ކަމަށެވެ.
މަސްތުވާތަކެއްޗާ ގުޅުންހުރި ގާނޫނުތަކުގައި ހުރި ބާގަނޑުތައް ބައްދައި، ގާނޫނަށް ބަދަލު ގެންނާނެ ކަމަށް ސެމްބެ ވިދާޅުވިއެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަ ކުރުމުގެ އިތުރުން ކަމާގުޅޭ މުއައްސަސާތައް ބާރުވެރިކޮށް، ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށް ސެމްބެ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު