ލުއި ރިޕޯޓް

ރައީސް ސޯލިހާއި ގާސިމްގެ މި ފޮޓޯގަނޑަށް އެންމެންގެ ސަމާލުކަން، ގިނަ މެސެޖުތަކެއް!

އަލީ ޔާމިން

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފޯރި މިވަނީ ވަރަށް ގަދަވެފައެވެ. އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންވެސް ގެންދަވަނީ ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދަވަމުންނެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ތިނަދުއަށް މިއަދު ވަޑައިގަންނަވާ އިރު، އެ ރަށަށް ފުރައިވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވި ވަގުތަކީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އުތުރުގެ ބައެއް އަތޮޅުތަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގެންނެވި ވަގުތެވެ. އެ ވަގުތު، އެ ދެ ބޭފުޅުން އެއާޕޯޓުގައި ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް މިހާރު އަންނަނީ ދައުރުވަމުންނެވެ.

އެ ފޮޓޯއިން ފެންނަ ގޮތުގައި ގާސިމް ހުންނެވީ އޭނާގެ ކަނާއަތް ރައީސް ސޯލިހުގެ ކޮނޑުފުޅުމަތީގައި ބާއްވާލައިގެންނެވެ. ރައީސް ސޯލިހުގެ މޫނުމަތިން ހިނިތުންވުމުގެ ކުލަވަރު ފެންނަ އިރު، ރައީސްގެ އަރިހުގައި މިފަހަރުގެ އިންތިހާބުގައި ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ހިމެނޭ އެމްޑީއޭ އަދި އަދާލަތު ޕާޓީގެ އިސް ބޭފުޅުން ފެނިވަޑައިގަތެވެ. ރައީސްގެ އަރިހުގައި ހުންނެވީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އެ ބޭފުޅުންގެ މޫނު މަތިންވެސް ފެންނަނީ ހިނިތުންވުމެވެ.

ގާސިމާއި ރައީސް އެއާޕޯޓުން ބައްދަލުވެވަޑައިގެން ދެއްކެވީ ކޮން ވާހަކަތަކެއް ކަމެއް ސާފެއް ނޫނެވެ. ނަމަވެސް ދައުރުވަމުން އަންނަ ފޮޓޯއިން ފެންނަނީ އެ ހުރިހާ ބޭފުޅުންވެސް ވަރަށް ގާތްކޮށް ވާހަކަދައްކަވާ މަންޒަރެވެ.

ޖުމްހޫރީ ޕާޓީއަކީ 2018 ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް ހެދި ކޯލިޝަންގެ އެއް ހިއްސާދާރެވެ. މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް ދެއްވި ދައުވަތު ގަބޫލުނުކޮށް، ޖޭޕީން ވަކިން އިންތިހާބަށް ނުކުމެފައިވާ އިރު، ޖޭޕީ އަދިވެސް އޮތީ ކޯލިޝަންގައެވެ. ޖޭޕީގެ ސްލޮޓުތަކުގައި ސަރުކާރުގެ އިސް ސަފުގައި މިހާރުވެސް ބޭފުޅުން އެބަތިއްބެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާވެސް ހިމެނިވަޑައިގަންނަވައެވެ.

ރައީސް ސޯލިހާއި ގާސިމްއާ ދެބޭފުޅުން އެއާޕޯޓުން ބައްދަލުވެ، ވަގުތުކޮޅެއް ހޭދަކުރެއްވި އިރު، ރައީސް ސޯލިހު މިފަހުން ވަނީ އެމަނިކުފާނުގެ ފަހަތްޕުޅަށް އަރާވަޑައިގަތުމަށް ސިޔާސީ ޕާޓީތަކަށް ގޮވާލައްވައިފައެވެ.

ގާސިމްވެސް ވަނީ ރައީސް ސޯލިހާ މެދު އެއްވެސް ހިތްބުރަކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ގާސިމް ގެންދަވަނީ ސިޔާސީ އެކިއެކި ޕޯޑިއަމްތަކުގައި ރައީސަށާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ގާސިމް ވަނީ ރައީސް ސޯލިހަށް މިހާރު އިތުބާރު ނެތް ކަމަށާއި އެ މަނިކުފާނު "ގެއަށް ދާން ވެއްޖެ" ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ސޯލިހު ނުކުމެ ހުންނެވީ އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށެވެ. ޖޭޕީން މިހާތަނަށް ވާދަކުރި އެއްވެސް އިންތިހާބެއްގައި ދެވަނަ ބުރަށް ގޮސްފައެއް ނުވެއެވެ. ނަމަވެސް ހުރިހާ ސަރުކާރެއްވެސް މިހާތަނަށް އައިސްފައި ހުރީ ޖޭޕީގެ ތާއީދާއެކުގައެވެ. އެހެންކަމުން ރައީސް ސޯލިހަށް ފުރަތަމަ ބުރުން ކާމިޔާބީ ލިބިވަޑައިނުގެން ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ، ގާސިމްގެ ތާއީދު ރައީސް ސޯލިހަށް ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. ސިޔާސީ ތާރީހު ހެކި ދެނީ އެގޮތަށެވެ.