އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްއާ ގުޅުނު ރައްޔިތުން މަޖިލީހުގެ މެމްބަރުން، އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ރިޝްވަތު ދީފައިނުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ލ. ފޮނަދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެމްޑީޕީ ދޫކޮށް ދިޔަ މެމްބަރުންނާ މިހާރުވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"އެކަހަލަ (ރިޝްވަތުގެ) އެއްވެސް ކަމެއް ހިނގާފައެއް ނޯންނާނެ. އަޅުގަނޑުމެން ހަމަގައިމުވެސް އެއްވެސް މެމްބަރަކަށް އެއްވެސް ކަހަލަ ފައިސާގެ މުއާމަލާތެއް އަދި ރިޝްވަތެއް ތި ވިދާޅުވާ ފުޅާމާނައިގައި، އެކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި އެމްޑީޕީގެ މެމްބަރުން، އަލުން އެ ޕާޓީއާ ގުޅިވަޑައިގަންނަވަނީ ދާއިރާގެ ތަރައްގީއަށް މަސައްކަތް ކުރެންވެން އޮތީ އެމްޑީޕީ އާއެކު ހުރުމުން ކަމަށް ގަބޫލުކުރާތީ ކަމަށެވެ. އަދި އެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ދާއިރާގެ ރައްޔިތުންވެސް އެދޭ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު