• ލ. ކުނަހަންދޫން އަލީ ރިފްޝާން

ލ. ކުނަހަންދޫ، ހިތަދޫ އަދި މެންދޫ ކޯޒްވޭއަކުން ގުޅުވައިލުމުގެ މަސައްކަތް އަންނަ ދައުރުގައި ފުރިހަމަކުރެވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުނަހަންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަސައްކަތް މިހާރު އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ކަމަށާއި ދާދި އަވަހަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

"މިހާރު އެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކުރެވިފައި. ދެން އޮތީ މަސައްކަތް ފެށުން، އެކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފެށޭނެ. އަދި މަސައްކަތް އަންނަ ދައުރުގެ ތެރޭގައި އެއްކޮށް ނިމޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ކުނަހަންދޫ، ހިތަދޫ އަދި މެންދޫ ކޯޒްވޭއަކުން ގުޅައިލުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި 81.2 މިލިއަން ރުފިޔާއަށެވެ.

މިއަދު ރައީސް ވަނީ ކުނަހަންދުއަށް އަންނަ ދައުރަށް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ބަނދަރު ހެދުމާއި ޓާފް ފުޓުބޯޅަ ދަނޑާއި ޒަމާނީ ވޮލީ ކޯޓު ހަދައިދެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.