• ލ. މާވަށުން އަލީ ރިފްޝާން

ލ. އަތޮޅުގައި ތަރައްގީކުރުމަށް ނިންމާފައިވާ ދެވަނަ އެއާޕޯޓު ހަދާނީ މި އަތޮޅުގެ ދެކުނުގައި ކަމަށާއި އެ ވައުދު ފުއްދަވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން އިއްޔެ ވެސް އެމަނިކުފާނު ވަނީ ކައްދޫ އެއާޕޯޓުގެ އިތުރުން މި އަތޮޅަށް ދެވަނަ އެއާޕޯޓެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން އެމްޑީޕީގެ ޕްރައިމަރީގެ ތެރޭގައި ވެސް ރައީސް ވަނީ އެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

މިއަދު މެންދުރު މާވަށަށް ވަޑައިގެން ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަމުން ގެންދެވި އިރު، އެންމެ ފާހަގަކޮށްލެވުނީ އެމަނިކުފާނާ ސަލާމްކުރެއްވުމަށް ހުރި ކުޑަކުއްޖަކު ދިން މެސެޖެކެވެ. އެ ކުއްޖާ ހިފައިގެން ހުރި ނޯޓުގައި ލިޔެފައިވަނީ "ކޮއްކޮ ބޭނުމީ ހިނގާލާފައި ގޮސް އެއާޕްލޭނަށް އަރަން،" ކަމަށެވެ. އެ ކުއްޖާގެ މެސެޖުގައި އެދުނީ ލ. އަތޮޅުގެ ދެކުނުގައި، ރަށާ ކައިރީގައި އެއާޕޯޓު ހެދުމަށެވެ.

މާވަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިންމައި، ރައްޔިތުން އެދޭ އެއާޕޯޓު ގެނެސްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ވާނެ ދަންނަވާފައި މި އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާނެ ވާހަކަ. އަޅުގަނޑުމެން ނިންމާފައިވާނީ އެ އެއާޕޯޓު މި އަތޮޅުގެ ދެކުނުގައި އެޅުމަށް. އެއާޕޯޓު އެޅިގެންދާނީ މި ސަރަހައްދުގައި. އެއީ އަޅުގަނޑު ވާ ވައުދެއް. އެއީ އަޅުގަނޑުމެން ފުއްދާނެ ވައުދެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ލ. އިސްދޫކަލައިދުއަށް ރައީސް އިއްޔެ ކުރެއްވި ދަތުރުފުޅުގައި އެއާޕޯޓުގެ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ އެއާޕޯޓު އަޅާނެ ވަކި ތަނެއް އަދި ނުނިންމަވާ ކަމަށާއި އެކަން ނިންމާނީ ރައްޔިތުންނާ މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.

މިއަދު ރައީސް ވަނީ އަންނަ ދައުރަށް މާވަށަށް ވައުދުތަކެއް ވެސް ވެވަޑައިގެންފައެވެ. އެގޮތުން ހައުސިން ސްކީމެއް ހިންގުމަށާއި ހެލްތު ސެންޓަރުން ދޭ ހިދުމަތްތައް އަޕްރޭޑްކުރުމަށާއި ރައްޔިތުން އެދިފައިވާގޮތަށް މިހާރަށްވުރެ ބޮޑަށް ބިން ހިއްކައިދިނުމަށް އަދި މި ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދައި، ތާރު އަޅައިދިނުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.