ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާއިން ސްރީ ލަންކާގެ ފުޓުބޯޅަ ފެޑެރޭޝަންގެ ސަސްޕެންޝަން އުވާލައިފިއެވެ.
ފީފާއިން ސްރީ ލަންކާގެ ސަސްޕެންޝަަން އުވާލާފައި މިވަނީ އިއްޔެއެވެ. ފީފާއިން ލަންކާގެ ސަސްޕެންޝަން އުވާލާފައި ވަނީ ހަތްމަހާއި ހަތް ދުވަސް ފަހުންނެވެ. ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާ ކަމަށް ބުނެ ފީފާއިން އެގައުމު ސަސްޕެންޑް ކުރީ ޖެނުއަރީ 21 ވަނަ ދުވަހުއެވެ. ފީފާއިން އެފަހަރު އެގޮތަށް ނިންމީ ޖެނުއަރީ މަހު 14 ވަނަ ދުވަހު ބޭއްވި ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިހާބާ ގުޅޭ މައްސަލަތަކެއް ބެލުމަށް ފަހުއެވެ.
ސަސްޕެންޝަންގައި އޮތުމުގެ ސަބަބުން ސްރީ ލަންކާ އަށް މިދިޔަ ޖޫން މަހު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ނުކުޅެނެވުނު ނަމަވެސް، މިހާރު ސަސްޕެންޝަން އުވާލުމާއެކު އޮކްޓޯބަރު މަހު ފަށަން ތާވަލުކޮށްފައި އޮތް ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ވާދަކުރަން މިހާރު ފުރުސަތު އެބައޮތެވެ. އެކަމަކު އެއީ ފީފާއިން މިއަދު ސްރީ ލަންކާގެ ސަސްޕެންޝަން އުވާލަން ނިންމައި، ވަކި މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރަން ޝަރުތުކުރި ކަންކަން ބަރާބަރަށް ނިންމައިގެންނެވެ.
އެގޮތުން، ފީފާއިން އެ ފެޑެރޭޝަނަށް އެންގި ގޮތަށް އަސާސީ ގަވާއިދުގެ ތެރެއިން އަންނަ މަހުގެ 29 ވަނަ ދުވަހުގެ ކުރިން ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބު ބާއްވަން ޖެހެއެވެ.
ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސަކަށް އެންމެ ފަހުން އިންތިހާބުވެވަޑައިގަތީ ކުރީގެ މެންބަރު އަދި ފުޓްބޯޅަ ކުޅުންތެރިޔާ ޖޭ ސްރީ ރަންގާއެވެ. އޭގެ ކުރިން ރައީސަކަށް ހުންނެވި ޖޭސްވަރު އުމަރަށް މިފަހަރު އިންތިހާބުގައި ވާދަކުރެވިފައިނުވާ އިރު، އޭނާއަށް އިންތިހާބުގައި ވާދަނުކުރެވުނީ ސިޔާސީ ނުފޫޒާ ހެދި ކަމަށް ސްރީ ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ލަންކާގެ ސަސްޕެންޝަން ދަމަހައްޓަން އެންމެފަހުން ފީފާގެ އާންމު ބައްދަލުވުމުގައިވެސް ފާސްކޮށްފައިވާ އިރު، އެގައުމަށް ދީފައި އޮތީ ޝަރުތުތަކެކެވެ.