އުތުރު އެމެރިކާގައި ކުރިއަށްދާ ވޯލްޑް ކަޕްގެ އެއް ހޯސްޓް ކަމަށްވާ ކެނެޑާގައި ކުޅުނު ފުރަތަމަ މެޗުގެ ކުރިން، ފުޓުބޯޅައިން އިޒްރޭލް ބޭރުކުރަން ގޮވާލައި މުޒާރަހަރާ ކޮށްފިއެވެ.

ރޭ މެކްސިކޯގައި ވޯލްޑް ކަޕް ފެށީ އެގައުމަށް ހާއްސަ ހުޅުވުމުގެ ރަސްމިއްޔާތަކާއެކުގައެވެ. މިރޭ ކެނެޑާއިން ބޮސްނިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެގަމަށް ހާއްސަ ހުޅުވުމުގެ ރަސްމިއްޔާތަކާއެކު މެޗު ފަށާފައިވާ އިރު، ފީފާއާ ދެކޮޅަށް މުޒާހަރާ ކޮށްފައި ވަނީ އެކްޓިވިސްޓް ގްރޫޕަކުންނެވެ.

އެ މުޒާހަރާ ކޮށްފައި ވަނީ ޓޮރޮންޓޯ ސްޓޭޑިއަމަށް ދާން އޮންނަ އެންމެ ބާރުބޮޑު މަގުގައެވެ. މުޒާހަރާގެ ބައިވެރިން ބެނާތައް ބޭނުންކޮށް، ފީފާއިން އިޒްރޭލާ ގެންގުޅޭ ގުޅުން ކަނޑާލައި، އިޒްރޭލް ފުޓުބޯޅައިން ބޭރުކުރަން ގޮވާލިއެވެ. އަދި އިޒްރޭލުގެ އަނިޔާވެރި ސިފައިން 2024 ވަނަ އަހަރު ގައްޒާއިން ރަހީނުކުރި ފަލަސްތީނުގެ ޑޮކްޓަރު ހުސާމް އަބޫ ސާފިއާ މިނިވަން ކުރަންވެސް ގޮވާލާފައިވެއެވެ.

މުޒާހަރާ ލީޑްކުރި ފައިސަލް އިބްރާހީމް ބުނެފައި ވަނީ އިޒްރޭލުން ލާއިންސާނީ އެތައް ޖަރީމާއެއް ހިންގާ އެހެން މީހުންގެ ވަޒަނަށް ގަދަކަމުން އަރައިގަތުމުންވެސް ފީފާއިން އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ. އަދި އިޒްރޭލުގެ މެޗުތައް ދުނިޔެއަށް ދައްކަން ފީފާއިން މަސައްކަތް ކުރާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އިޒްރޭލުން ގައްޒާގެ އެތައް އާއްމުންނެއް ޝަހީދުކޮށް، އަނިޔާވެރި ނިރުބަވެރި އަމަލުތަކެއް ހިންގަމުންދާ އިރު، ފީފާއަށް އެކަމުގައި ފިޔަވަޅު އަޅަން ނުކެރުނެވެ. ފަލަސްތީނުން އެ މައްސަލަ ހުށަހެޅުމުންވެސް ފީފާއިން އިޒްރޭލަށް އަދަބު ދިނީ ވަނދުކޮށެވެ.