އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބޭނުންކުރާ ވޯޓު ކަރުދާސް ޗާޕުކޮށް ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ،
އީސީގެ ނައިބު ރައީސް، އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވޯޓު ކަރުސާތްތައް އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.
"އުތުރުގެ އަތޮޅުތަކަށް މާދަމާ އަދި ދެކުނުގެ އަތޮޅުތަކަށް 30 އޮގަސްޓުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާއެކު، އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން، ޑިސްޕެޗް މަސައްކަތްތައް ކުރިއަށްދާ ގޮތަށް ވަނީ ހަމަޖެހިފައި. މިހާރު ޑިސްޕެޗް ކުރެވޭ ތަކެތި ހަވާލުކުރާނީ ސިޓީ ނުވަތަ އަތޮޅު ކައުންސިލުގެ އިދާރާއާ،" ހަބީބު ވިދާޅުވިއެވެ.
ރަށްރަށަށް ވޯޓު ކަރުދާސް ފޮނުވަން ފަށާނީ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ހުރިހާ ތަކެއްޗެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އީސީއާއި ފުލުހުންނާ ދެމެދު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ގާނޫނުއަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރައްވާ ފަހަރެވެ. މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ހަ ކެންޑިޑޭޓުންނެވެ. ނަމަވެސް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ ފަސް ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުންނެވެ.
އީސީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ފަހަރުގެ އިންތިހާބަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލޭ ސަރަހައްދުގައި 176 ފޮށި، އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި އަށް ފޮށި، ޖަލުތަކުގައި ފަސް ފޮށި އަދި ސިނާއީ ރަށްތަކުގައި ވޯޓު ފޮއްޓެކެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިހާބެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު