• ލ. އިސްދޫން އަލީ ރިފްޝާން

އެމަނިކުފާނު ވައުދުތައް ވެވަޑައިގަންނަވަމުން ގެންދަވަނީ އިންތިހާބެއް ކުރިމަތިވީމަ ނޫން ކަމަށާއި އެއީ ސަރުކާރަކުން ރައްޔިތުންނަށް ކޮށްދޭން މަޖުބޫރުވާ ކަންތައްތަކެއް ކަމެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރު ލ. އިސްދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރީ ސަރުކާރުން އެއްވެސް ރޭވުންތެރިކަމެއް ނެތި، އިންތިހާބަށް ހަތަރު ދުވަސްވީމާ ރަށްރަށަށް އަރައި ވައުދުތައް ވަމުންދިޔަ ކަމަށާއި އެމްޑީޕީން ވައުދުވަމުންދަނީ ރޭވުންތެރިކަމާއެކު ކަމަށެވެ.

"މިއީ އިންތިހާބަކަށް ކުރިމަތިލީމަ ވާ ވައުދުތަކެއް ނޫން. މިއީ ސަރުކާރަށް މަޖުބޫރުވާ ކަމަކަށް ވާތީ ވާ ވައުދުތަކެއް. މި ކަންކަން ކުރެވޭނީ މިކަމުގެ ތަޖުރިބާ ހުރި ބަޔަކަށް. އަޅުގަނޑުމެން ވެރިކަމަށް ކުރިމަތިލައިގެން މި އުޅެނީ އަނެއްކާވެސް އަމާޒުތަކެއް އޮވެގެން، ވައުދުތަކެއް ވެގެން. މިހާރު މިއޮތް ލެވެލުން އަނެއްކާވެސް އެހެން ލެވަލަކަށް ތަރައްގީ ގެނެސްދޭން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާބާދީގެ ކުޑަބޮޑު މިނެއް ބެލުމެއްނެތި ރައްޔިތުންނަށް ކަންކަން ކޮށްދެއްވަން ބޭނުންފުޅުވާ ކަމަށާއި ރައްޔިތުންނަށް ހިދުމަތްކޮށްދިނުން ފިޔަވައި އެއްވެސް އެދުމެއް މި ސަރުކާރުން ނުގެންގުޅޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވައުދުތައް ފުއްދުމުގައި ކުރިއަށް އޮތް ފަސް އަހަރުވެސް ދެމިތިބޭނަން. އަޅުގަނޑުމެންނަށް މިދިޔަ އަހަރުތަކުގައި ގިނަ އުނދަގޫތަކާއި ދަތިތަކެއް ކުރިމަތިވި، ކޮވިޑާ ގުޅިގެން ހީނުކުރާ ވަރުގެ ދަތި އުނދަގޫތަކެއް ކުރިމަތިވި. އެހެންނަމަވެސް ގިނަ ބައެއްގެ ބުރަ މަސައްކަތުން އެކަން ހުރަސްކުރެވިއްޖެ. ދުނިޔޭގެ އެހެން ގައުމުތަކުގެ އޮތް ގާތް ގުޅުމުގެ ސަބަބުން އުނދަގޫތަކުން އަރައިގަނެވުނު،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށާއި އެގޮތުން ވެކްސިން ނުޖެހުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދިޔަ ކަމަށެވެ. އަދި ވެކްސިން ނުޖެހުމަށް ގޮވާލަމުން ދިޔައީ، އެހެން ގޮވަމުންދިޔަ މީހުން އަމިއްލައަށް ވެކްސިން ޖެހުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭރު އަޅުގަނޑުމެންނަށް ކޮންމެ ދެ ހަފުތާއަކުން ސަރުކާރުގެ ހަރަދުތަކާއި ތަފްސީލުތައް ފޮނުވަން ރައްޔިތުންގެ މަޖިލީހުން އެންގި. އެ ދަތި އުނދަގުލުގައި ވެސް އަޅުގަނޑުމެން އެކަން ކުރިން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރަކީ އޮޅުވާލައިގެން ނާޖާއިޒު ފައިދާތަކެއް ނަގާނެ ސަރުކާރެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މި ސަރުކާރުން ގެންގުޅޭނީ އެ އުސޫލުތައް ކަމަށެވެ.