• ތ. މަޑިފުށިން އަލީ ރިފްޝާން

ތ. މަޑިފުށީގައި ހައުސިން ޔުނިޓުތައް ތަރައްގީކޮށް، ގެދޮރު އެޅުމަށް ލޯން ސްކީމެއް ތައާރަފުކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރު މަޑިފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މި ރަށަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އޭގެ ތެރޭގައި 2018ގެ މެދުތެރޭގައި ހުއްޓުމަކަށް އައި މި ރަށުގެ މަގު ހެނދުނު މަޝްރޫއު އަލުން ފެއްޓަވައިދެއްވުން ހިމެނެއެވެ.

"ކުރިއަށް އޮތް ދައުރުގައި އަޅުގަނޑުމެން މަޑިފުށީގެ ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހަދައިދޭނަން. މި ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހައުސިން ޔުނިޓުތަކެއް އަޅައިދޭނަން. އެދިވަޑައިގެންނެވި ގޮތަށް ގެދޮރު އެޅުމަށް ދިގު މުއްދަތެއްގެ ތެރޭގައި ދެއްކޭގޮތަށް ލުއި ލޯން ސްކީމެއް ތައާރަފުކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގުތިސޯދީ މަސައްކަތްތަކަށް މި ރަށާ ކައިރީގައި އޮތް ފަޅުރަށް ދޭން އެދިފައިވާތީ އެކަމާ ވިސްނަވާނެ ކަމަށާއި މިހާރު އެ ރަށަކީ ފަތުރުވެރިކަމަށް ހުޅުވާލާފައިވާ ރަށެއް ކަމަށެވެ. އަދި އަންނަ ދައުރުގައި ކޯޒްވޭއަކުން ދިޔަމިގިއްޔާއި މަޑިފުށި ގުޅުވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މަޑިފުށީގެ އިތުރުން ރައީސް ވަނީ މި އަތޮޅު ބުރުނި އަދި ގުރައިދުއަށް ވެސް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ބުރުނީ ކައިރީގައި އޮތް ފުށިފަރުގައި ރިސޯޓެއް ތަރައްގީކުރުމަށް ބިޑަށް ހުޅުވާލުމަށާއި ބުރުނީ ސިއްހީ މަރުކަޒުން 24 ގަޑިއިރު ހިދުމަތްދެވޭނެ ގޮތަށް ބަދަލު ގެނައުމަށާއި ކުޑަކުދިންގެ ޕާކަކާއި ވޮލީ ކޯޓެއް ހެދުމުގެ އިތުރުން 50 ހައުސިން ޔުނިޓު ހަދައިދިނުމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

މި އަތޮޅު ގުރައިދުއަށް ރައީސް ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނެނީ ގިރާ ސަރަހައްދު ހިމާތަކްކުރުމާއި ބޮޑެތި މަގުތަކުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމާއި އައިސްޕްލާންޓުގެ މަސައްކަތް އަދި ސިއްހީ މަރުކަޒު ތަރައްގީކޮށްދިނުމެވެ.