އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ސީޝެލްސް އަތުން ބަލިވެ، އަންހެން ވޮލީ ޓީމު ކަޓައިފި

މަޑަގަސްކަރައިން މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުން އިއްޔެ ކުޅުނު މެޗުގައި ސީޝެލްސް އަތުން ބަލިވެ މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި މޮރިޝަސް އަތުން ސީދާ ތިން ސެޓުން ވަނީ ބަލިވެފައެވެ. ދެވަނަ މެޗުގައި އިއްޔެ ހެނދުނު ރާއްޖެއިން ނުކުތީ ސީޝެލްސްއާ ދެކޮޅަށެވެ. އިއްޔެގެ މެޗުންވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖޭގެ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނުއިރު، ސެޓުގައި ރާއްޖޭގެ ރިސީވްތައްވެސް ފެނިގެންދިޔައީ ދަށްކޮށެވެ. އެއާއެކު ފުރަތަމަ ސެޓު ސީސެލްސްއިން ވަނީ ފަސޭހަކަމާއެކު 25-12 އިން ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ފުރަތަމަ ސެޓުގައި ހެދުނު ގޯސްތައް ރަނގަޅުކުރަން މަސައްކަތްކުރި އިރު، މިސެޓުގެ ކުރީކޮޅު ރާއްޖެއިން ވަނީ ލީޑުވެސް ނަގައިފައެވެ. އެކަމަކު މަޑުމަޑުން ސީސެލްސްއިން ގޭމުގެ ތެރެއަށްވަދެ އެޓީމުގެ ކުޅުން ރަނގަޅުކުރި އިރު، މިސެޓު އެޓީމުން ގެންދިޔައީ 25-21 އިންނެވެ.

މެޗުގެ ތިންވަނަ ސެޓު ފަށައިގެންވެސް ރާއްޖެއިން ލީޑުކުރި އިރު، އެސެޓުގެ ކުރީކޮޅު ރާއްޖޭގެ ކެޕްޓަން ހައްވާ ރާޝިދާއާއި މާޖިދާގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނިގެން ދިޔައެވެ. އެކަމަކު އެ ސެޓުގެ މެދުތެރެއިން ރާއްޖޭގެ ރިސީވްތައް ދަށްވުމުގެ ފައިދާ ނަގާ ސީސެލްސްއިން ސެޓު ގެންދިޔައީ 25-18 އިންނެވެ.