- ތ. ތިމަރަފުށިން އަލީ ރިފްޝާން
ތ، އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް ރިސޯޓުތައް އިތުރުކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.
ތ. ތިމަރަފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް މިރޭ ވިދާޅުވީ މި އަތޮޅަކީ ޓޫރިޒަމްގެ ނަސީބެއް ނެތް އަތޮޅެއް ކަމަށާއި އެގޮތުން ބޮޑު އިގުތިސާދީ ބަދަލުގެ ތެރެއިން މި އަތޮޅުގައި ޓޫރިޒަމް ފުޅާކުރަންވާނެ ކަމަށެވެ.
"މި އަތޮޅުގައި ރިސޯޓުތައް މަދު. މި ރަށުގައި ރިސޯޓެއް އެބަ އޮތް އަދި ޓޫރިޒަމުން ފައިދާތަކެއް ލިބޭނެ. އެގޮތުން އަޅުގަނޑުމެން ދާދި އަވަހަށް މި ރަށާ ކައިރީގައި އޮތް ހިރިޔަންފުށީގައި ސިޓީ ހޮޓަލެއް އެޅުމަށް އިއުލާންކުރާނަން. އަޅުގަނޑުމެން މި ދަނީ ކަނިމީދޫ ޓޫރިޒަމް ރިސޯޓަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން. ވަރަށް އަވަހަށް ކަނިމީދޫވެސް ބިޑަށް ހުޅުވާލާނަން. އަދި ކުރިއަށް އޮތް ދައުރުގައި މި އަތޮޅުގެ އިތުރު ރަށްތައްވެސް ރިސޯޓުތައް ހެދުމަށް ހުޅުވާލާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްވެރިން އެދުނު ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި މޯގޭޖުކޮށްފައި އޮތް ފުނައްޑޫވެސް މިހާރު ފައިސާ ދެއްކުމަށްފަހު، މިފްކޯގެ ދަށަށް ބަދަލުކުރެވިފައިވާ ކަމަށާއި އެ ރަށުން ފަސޭހައިން މަސްކިރޭނެ ގޮތަށް ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައިވެސް ތިމަރަފުއްޓަށް ރައީސް ވަނީ ވައުދުތަކެއް ވެވަޑައިގެންފައެވެ.
"ކައުންސިލުގެ ރައީސް އެދިވަޑައިގެންނެވި ގޮތަށް މި ރަށުގެ ބަނދަރު ބޮޑުކޮށް، ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދޭނަން. ފުޓުބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ޖަހައިދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ތިމަރަފުށީގެ އިތުރުން ވޭމަންޑޫއާއި ކިނބިދޫގައިވެސް ތަރައްގީގެ މަޝްރޫއުތަކެއް ހިންގަވާނެ ކަމަށާއި އެގޮތުން ވައުދުވެވަޑައިގެންނެވި ގޮތަށް ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅައިލުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު